14 ވަނަ އޮފީސްތަކާއި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ ތިންމެޗު ޕޮލިހާއި އެމް އެން ޑީ އެފް އަދި ކަސްޓަމްސް ކާމިޔާބު ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެރޭ އެކުވެނީ ބޭރު ކޯޓުގައި ފެށި މުބާރާތުގައި ފުރަތަމަ ކުޅުނީ ޖީއެމްއާރު(ކުރީގެ އެއާޕޯޓްސް) އާއި ޕޮލިސް ކްލަބެވެ. މިމެޗު 72-61 ޕޮއިންޓުން ކާމިޔާބުކުރީ ޕޮލިހެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ މުހައްމަދު ހަސަނެވެ. އޭނާ ވަނީ އެޓީމަށް 29 ޕޮއިންޓް ހޯދާދީފައެވެ.

މުބާރާތުގެ ކުޅުން ހުކުރު ދުވަހު ހަވީރުވެސް ކުރިއަށް ދިޔައެވެ. އެމް އެން ޑީއެފާއި ޕޯޓްސް ލިމިޓެޑް ވާދަކުރި މެޗު 77-35 ޕޮއިންޓުން ކާމިޔާބުކުރީ އެމް އެން ޑީ އެފެވެ.

މުބާރާތުގައި ރޭ ކަސްޓަމްސް މޮޅުވީ އައިލެންޑް އޭވިއޭޝަނާއި ވާދަކޮށް 61-36 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަސްޓަމަށް 23 ޕޮއިންޓް ހޯދާދިން ހުސައިން ޙަލީމެވެ. އޭނާއަކީ ޓީރެކްސްގެ ކުޅުންތެރިއެކެވެ.
ހަ ޓީމު ވާދަކުރާ މުބާރާތުގައި މިރޭ ކުޅޭނީ ޕޮލިހާއި ދިރާގެވެ.