30 Jun 2015, 18:02
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ދުސްތޫރީގޮތުން އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އެއީ ޒާތީ މައްސަލައެއް ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ރައްޔިތުންގެ ވޯޓުން އިންތިޚާބުކޮށްފައިވާ ބޭފުޅަކަށްވާ އިރު ދުސްތޫރީގޮތުން ހުއްޖަތެއް ނެތި ހަމައެކަނި ވަކި ބަޔަކު ބޭނުންވާ ގޮތަށް އެއްފަރާތްކޮށްލުމަކީ ރައްޔިތުންގެ އަތުގައި އޮތް ބާރެއް ނުހައްގުން އަތުލައިގަތުން ކަމަށެވެ.
"މިދިޔަ ދުވަސްތަކުގެ ތެރޭގައި ތަފާތު އެކި ވާހަކަތަކުގެ ތެރެއިން ގާނޫނު އަސާސީ އަށް ގެނައި އިސްލާހަކީ ހެޔޮނިޔަތުގައި ދިވެހި ގައުމަށް ޓަކައި ގެނައި އިސްލާހެއް ކަމަށް ބުނަމުން އައިފަރާތްތަކުގެ ނިޔަތާއި މަގުސަދު މިއަދު މިއޮތީ ސާފުކޮށް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހާމަވެފަ އެވެ،" ޑރ. ޖަމީލްގެ ބަޔާނުގައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީއަކީ ދައުލަތް ހިންގުމަށް ރައްޔިތުން ދުސްތޫރީ އެންމެހައި އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނު ކަމުގައި ވީނަމަވެސް، އެ ދުސްތޫރުގައި ހުރި ހަމަތަކާއި ވެރިކަމުގެ އިންފާރުތައް މިއަދު އެކި ގޮތްގޮތަށް ބަދަލުކުރަނީ ވަކި މީހަކަށް އަމާޒުކޮށްގެން ކަން މިއަދު މިއޮތީ ފެންނަން ކަމަށެވެ.
ވެރިކަމުގެ ނިޒާމަށް ބޭނުންއިރަކު ބޭނުން ބަދަލެއް ގެންނަ ފަރާތްތަކުގެ ބޭނުމާއި މަގުސަދު ހާމަވެ އަދި ރާވައިގެން ކުރި ހީލަތްތެރި މަސައްކަތް ރައްޔިތުންގެ ކުރިމަތީގައި މިއަދު ފާޅުވެފައިވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ފެނުނީ ވަކިބައެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެމްބަރުން ދެކެ ބިރު ނުގަންނަ ކަމަށާއި ހަމައެކަނި ބިރުގަންނަނީ މާތްﷲ ދެކެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"ރައްޔިތުން ނިކަމެތި ކުރުމުގައި ވަކި ބަޔަކު އިސްވެތިބެ ކުރަމުން މިދާ މަސައްކަތުގައި ހިމެނޭ ފަރާތްތަކުން ވެސް ހަނދާން ކުރަންޖެހެނީ އެއްކައުވަންތަ ﷲގެ ކުޅަދުންވަންތަ ކަމާއި ބާރުގެ މަތިންނެވެ. އަޅުގަނޑު ވާގިއެދެނީ އެކަލާނގެ ހަޟުރަތުންނެވެ. ބިރުވެތި ވަނީ އެކަލާނގެއަށެވެ،" ނައިބު ރައީސް ވިދާޅުވި އެވެ.