30 Jun 2015, 17:49
ބާޒާރުކުރަން ގޮސް އުޅޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބާޒާރުކޮށް ނިމެންދެން ކޮތަޅު ހިފައިދިނުމުގެ ހަރަކާތެއް އިސްކަންދަރު ސްކޫލުގެ ސުކައުޓުން ފަށައިފިއެވެ.
އިސްކަންދަރު ސުކޫލުގެ އެސިސްޓެންޓް ގުރޫޕު ސްކައުޓު ލީޑަރު މުހައްމަދު ޝައްމޫން މިއަދު ސަން އަށް ވިދާޅުވީ މިއަދު ފެށި އެހަރަކާތުގެ ތެރެއިން މާރުކޭޓުން އެއްޗެހި ގަންނަންދާ މީހުން މާރުކޭޓަށް އައިސް ބާޒާރުކޮށް ނިމެންދެން އެމީހުން ގެންގުޅޭ ކޮތަޅު ހިފައިދީފައިވާ ކަމަށެވެ.
ހަމައެހެންމެ މީރުބަހުރު ބަނދަރުުގައި އަޅާފައި ހުރި ބޯޓްތަކަށް އެއްޗެހި ގެންދާ މީހުންނަށް މުދާ އުފުލައި ދީފައިވާ ކަމަށްވެސް ޝައްމޫން ވިދާޅުވިއެވެ.

"މިއީ ސުކައުޓު ކުދިންނަށް އެހެން މީހުންނަށް އެހީތެރުވާން އެކަން ޕްރެކްޓިސް ކުރަންވެގެން ކުދިންނަށް އަމަލީ ތަޖުރިބާ ހޯދައިދޭން ހިންގި ކަމެއް މިއީ،" މަޝްހޫރު ޕުރެޒެންޓާ ޝައްމޫން ވިދާޅުވިއެވެ.
މިއަދު ހަވީރު 4:00 އިން 5:00 އަށް ކުރިއަށްގެންދިޔަ އެހަރަކާތުގައި އިސްކަންދަރު ސުކޫލުގެ 10 ސުކައުޓުން ބައިވެރިވިއެވެ.
މިއަދު ފެށި އެ ހަރަކާތް ކުރިއަށް އޮތްތަނުގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ޝައްމޫން ވިދާޅުވިއެވެ.
ސުކައުޓުންގެ 'ލޯ" ގެ ތިން ވަނަ މާއްދާގައި ބުނެފައިވަނީ މީހުންނަށް އެހީތެރިވާންޖެހޭނެ ކަމަށެވެ.