އާބާދީގައި 500 އަށްވުރެ މީހުން މަދު ރަށްތަކުގައި ކައުންސިލަރުން އިންތިހާބު ނުކުރާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު، ލާމަރުކަޒީ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ 500 އަށް ވުރެއް އާބާދީ މަދު ރަށްތައް ހިންގާނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި އަތޮޅު ކައުންސިލުން މަޝްވަރާ ކުރުމަށް ފަހު ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ދަށުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލެއް ގާއިމު ކޮށްފައިވާ ތަންތަން ފިޔަވައި 500 އަށް ވުރެއް އާބާދީ ބޮޑު ކޮންމެ ރަށެއް ހިންގާނީ އެކަމަށްޓަކައި ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބު ކުރާ ރަށު ކައުންސިލަކުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު: ފޮޓޯ/ މަޖިލިސް

އިސްލާހުގައި ބަޔާންކޮށްފައިވާ މުހިއްމު ނުކުތާތައް:

  • 500 އާއި 5000އާ ދެމެދުގެ އާބާދީ އެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންތިހާބު ކުރާނީ ހަތަރު ކައުންސިލަރުން.
  • 5000 އާއި 10000އާ ދެމެދުގެ އާބާދީއެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންތިހާބު ކުރާނީ ހަ ކައުންސިލަރުން.

ހަލީލު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލު އެކުލެވިގެން ވަނީ އެ ރަށަކުން އިންތިހާބު ކުރެވޭ މެމްބަރުންނާއި އެރަށަކަށް ނިސްބަތްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ މައްޗަށް ކަމަށެވެ.

މިހާރު ގާނޫނުގައި ބަޔާން ކޮށްފައި އޮތްގޮތް:

  • ގާނޫނު އަސާސީގައި އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލު އެކުލެވިގެން ވަނީ އެރަށަކުން އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށް.

  • 3000 މީހުންގެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ 5 މެމްބަރުން.

  • 3000 އާއި 10000އާ ދެމެދުުގެ އާބާދީއެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންތިހާބު ކުރާނީ 7 މެމްބަރުން.

  • 10000 މީހުންނަށް ވުރެއް އާބާދީ އިތުރު ރަށްތަކުގައި އިންތިހާބު ކުރާނީ 9 މެމްބަރުން.

އިސްލާހުގައި ބުނެފައި ވަނީ ރަށު ކައުންސިލުގެ އެންމެ އިސް ފަރާތަކަށް ހުންނާނީ ކައުންސިލުގެ ރައީސް ކަމަށެވެ. އަދި ބުނެފައި ވަނީ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ހޮވާނީ ކައުންސިލަށް އިންތިހާބުވެފައިވާ މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ހަލީލު ވިދާޅުވީ އެ ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމުގެ ބޭނުމަކީ، ލޯކަލް ގަވަމަންޓް ނިޒާމު މިހާރަށް ވުރެ ހަރުދަނާކޮށް ހިންގާނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށެވެ.