މިއަހަރުގެ ވޮލީބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު މެޗުގައި މިދިޔަ އަހަރުގެ ތިންތަށި ހޯދި ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ރީތިރަށުން ބޮޑު ކާމިޔާބެއް ހޯދައިފި އެވެ.

ރީތިރަށުގައި ކުޅެވުނު މިމެޗު އެޓީމުން ކާމިޔާބު ކުރީ ސީދާ 2 ސެޓުންނެވެ. ވޮލީގެ ރަސްމީ އެހެން މެޗުތަކާ ޚިލާފަށް މިމެޗު ކުޅެވުނީ 3 ސެޓުން 2 ސެޓު ހޯދާ ޓީމެއް މޮޅުވާ ގޮތަށެވެ.

މިމެޗުގެ ފުރަތަމަ ސެޓް 25-17ން ރީތިރަށް ހޯދުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެހެންކަމުން ދެވަނަ ސެޓްގައި ސިފައިންގެ ޓީމުން މޮޅަށް ކުޅެ 13-8ން ލީޑް ނަގާ ސެޓްގެ ޔަގީންކަން ބޮޑުކުރިއެވެ. ނަމަވެސް ފަހަތުން އަރާ ރީތިރަށް ވަނީ 21ން އެއްވަރުކޮށް ސެޓްވެސް އަތުލާފައެވެ.

މިމެޗުގައި ރީތިރަށުގެ ޓީމަށް ފާއިތުވެދިޔަ އަހަރުތަކުގައިވެސް ކުޅުނު ނިޒާރު އިބްރާހީމްގެ އިތުރުން މިިދޔަ އަހަރު ސިފައިންގެ ޓީމުގެ ސެޓަރ އިޝާން މުހައްމަދާއި ކުޅަދާނަ ޖެހުންތެރިޔާ އަޝްފާގު އާދަމްވެސް ކުޅުނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުޅުންތެރިން މިއަހަރުގެ ވޮލީ ސީޒަންގައި ފެންނާނީ ރީތިރަށުގެ ޖާޒީގައެވެ.

ސިފައިންގެ ޓީމު ސީޒަން ހުޅުވާ މެޗުގައި ކުޅުނީ މިދިޔައަހަރުގެ ޤައުމީ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ރީތިރަށް ކުޅުނީ ރިސޯޓް އޯޕަން މުބާރާތުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ ސީޒަން ހުޅުވި މެޗު މާލޭން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ.