މިސްރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހިޝާމު ބަރަކާތު އަވަހާރަކޮށްލާފައިވާތީ އެމަނިކުފާނުގެ އާއިލާއަށް ރާއްޖޭގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މުހުތާޒު ވިދާޅުވީ މިސްރުގެ ޕީޖީ އަވަހާރަކޮށްލި ޚަބަރު އެމަނިކުފާނު އެއްސެވީ ނުހަނު ފުންހިތާމައާއި ހައިރާން ކަމާއެކުއި ކަމަށެވެ.

މިހިތާމަވެރި ދަނޑިވަޅުގައި ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަމުގައި އާންމުކޮށް އިސްލާމީ އުންމަތަށް އަދި ވަކިން ޚާއްސަކޮށް އެމަނިކުފާނުގެ ޢާއިލާއަށާއި މިސްރާއި އެގައުމުގެ ރައްޔިތުންނަށް މުހުތާޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ޕީޖީ މުހުތާޒު ވަނީ އެ އަނިޔާވެރި އަމަލު ކުށްވެރި ކުރައްވާފައެވެ.

"އިސްލާމީ އުންމަތަށް އަމާންކަމާއި ސަލާމަތްތެރިކަން މިންވަރުކުރައްވައި ހަރުކަށި އަމަލުތަކާއި ޓެރެރިޒަމާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ތައުފީޤުދެއްވުމަށް ގަދަ ކީރިތި ވަންތަ الله ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. އެކަލާނގެއީ އައްސަވާވޮޑިގެންވާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ،" ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

އަވަހާރަކޮށްލެވުނު މިސްރުގެ ޕްރޮސިކިއުޓާ ޖެނެރަލަކީ އިންޓަނޭޝަނަލް ޕްރޮސިކިއުޓާސް އެސޯސިއޭޝަންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރެކެވެ. އަދި ރާއްޖޭގެ ޕީޖީ އޮފީހަކީ ވެސް އެ އެސޯސިއޭޝަންގެ މެމްބަރެކެވެ.

ހިޝާމް ބަރަކާތު އަވަހާރަވެފައި ވަނީ އޭނާގެ މޮޓޯކޭޑަށް ދިންބޮމުގެ ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށެވެ.