30 Jun 2015, 16:52
ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީނުގެ ކުރީގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށް އޭނާ މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށްފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާމް ވަޖީހު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ނަޖާހުގެ މައްޗަށް ދައުލަތުން ކުރި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.
ނަޖާހުގެ މައްޗަށް އެ ދައުވާ ކުރީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ.
ޝީރީނު އާއި އޭނާގެ ލޯބިވެރިޔާ ނަޖާހު
ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.
ނަޖާހު ޓެކްސީއަށް ފޮއްޓެއް އަރުވައިގެން ދިޔަކަމަށް ޓެކްސީ ޑްރައިވަރު ވެސް ކޯޓުގައި ވަނީ ހެކިބަސްދީފައެވެ. އަދި އޭގެ އެއްދުވަސް ފަހުން ޓެކްސީގެ ޑިކީތެރެއިން ކުނިވަސްދުވިކަމަށް ހެކިބަސްދެމުން ޓެކްސީ ޑްރައިވަރު ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ފޯސްޓު މޯޓަމް ހަދައިގެން ކަމުގައިވާތީ ޕޯސްޓް މޯޓަމް ހެދުމަށް ލަފާދީފައިވާނެ ކަމަށް ޝީރީން ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
އެހެންނަމަވެސް ޝީރީންގެ ޕޯސްޓު މޯޓަމް ހެދިކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން ނެތް ކަމަށް އެ ހުކުމްގައި ވެއެވެ.
ޝީރީންގެ މަރުގެ މައްސަލައިގެ ހުކުމް އިއްވާފައިމިވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާފައި އޮންނަތާ ތިން އަހަރަށްވުރެ ގިނަދުވަސްފަހުންނެވެ.