ޕެރިސް (ޖޫން 29): އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދެއަންހެނަކު ކަތިލާލައި ކަރުބުރިކޮށްލައިގެން މަރާލައިފިއެވެ.

ސީރިޔާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޮރ ހިޔުމަން ރައިޓްސް އިން ބުނީ އައިއެސްގެ ޖައްލާދުން މިދެ އަންހެނުން ކަތިލައިގެން މަރާލާފައިވަނީ ސީރިޔާގެ އިރުމަތީގެ ސަރަހައްދެއްކަމަށްވާ ދީރުއްޒޫރުގައެވެ.

ޕެރިހުގައި މަރުކަޒު ހުންނަ ސީރިޔަން އޮބްޒަވޭޓްރީ ފޮރ ހިޔުމަން ރައިޓްސްގެ ޑައިރެކްޓަރު ރާމީ އަބްދުއްރަޙްމާން ވިދާޅުވިގޮތުގައި މިއީ އައިއެސް ޖަމާއަތުން އަންހެނުން ކަތިލި ފުރަތަމަ ފަހަރު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

ސީރިޔަން އޮބްޒަވޭޓްރީ ފޮރ ހިޔުމަން ރައިޓްސް އަކީ ސީރިޔާގެ ހަނގުރާމައާއި އަދި އެގައުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާއި ސަރުކާރު ސިފައިންގެވެސް މައުލޫމާތު ވަރަށް ފުރިހަމައަށް ހޯދައި ހާމަކުރަމުން ގެންދާ ޖަމާއަތެކެވެ. އެޖަމާއަތުން މިކަން ކުރަނީ މުޅި ސީރިޔާގައިވާ އެޖަމާއަތުގެ ވިއުގައެއް މެދުވެރިކޮށެވެ.

އައިއެސް ޖަމާއަތުން ކަތިލާލި ދެއަންހެނުންގެ ތެރެއިން އެކަކީ ސިހުރު ހަދާމީހެއްކަމަށް އެޖަމާއަތުން ބުނެއެވެ. އަނެއް އަންހެންމީހާގެ ކުށެއް ހާމަކޮށްފައެއް ނުވެއެވެ. މީގެތެރެއިން އެއްއަންހެނަކު ކަތިލާލާފައިވަނީ އެމީހާގެ ދަރިންނާއި ފިރިމީހާގެ ކުރިމަތީގައި ކަމަށްވެއެވެ. އައިއެސްއިން ކަތިލައިގެންނާއި ފެނުގައި ގަންބައިގެންނާއި އަލިފާނަށްލައި އަންދައިގެން މީހުން މަރަމުން ގެންދެއެވެ.

އައިއެސްގެ ޖައްލާދުން މިގޮތްގޮތަށް މީހުން މަރަމުން ގެންދަނީ ޝަރުއީ މަރުހަލާތައް ފުރިހަމަކޮށްގެން ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް ސީރިޔަން އޮބްޒަވޭޓްރީ ފޮރ ހިޔުމަން ރައިޓްސް އިން ބުނެއެވެ.

އައިއެސް ޖަމާއަތަކީ އިސްލާމް ދީނުގައިވާ ހައްދުތައް ގާއިމް ކުރުމުގެ ނަމުގައި މީހުން ކަތިލަމުން ގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. އައިއެސް އިން ހައްދުތައް ގާއިމް ކުރުމުގެ ނަމުގައި މީހުން ކަތިލަމުން ގެންދާއިރު އެޖަމާއަތުގެ ވެރިންނާއި ހަނގުރާމަވެރިންނަކީވެސް އެމީހުންގެ މައްޗަށް އިސްލާމީ ހައްދުތައް ގާއިމްކޮށް މަރުގެ އަދަބު ދޭންޖެހޭ ވަރުގެ ބޮޑެތި ޖަރީމާތައް އިރާގާއި ސީރިޔާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ މުޖްރިމުން ކަމަށް އިސްލާމީ ދަންނަބޭކަލުންވަނީ ފަތްވާ ދެއްވާފައެވެ.

މިގޮތުން އައިއެސް އާ ދެކޮޅަށް ހަނގުރާމަކޮށް އެޖަމާއަތުގެ އަނިޔާވެރިކަމުން އިރާގާއި ސޫރިޔާގެ ރައްޔިތުންނާއި އެނޫންގައުމުތައްވެސް ސަލާމަތް ކުރުމަކީ ޖިހާދުގެ އަމަލެއްކަމުގެ ފަތްވާ ބައެއް ދަންނަބޭކަލުން މިހާރުވަނީ ދެއްވާފައެވެ.

އައިއެސްއިން ގެންދަނީ ޝިޔައީންގެ މިސްކިތްތަކުގައި ބޮންގޮއްވައިގެން ކުށެއްނެތް އެތަށް ބަޔަކުވެސް މަރަމުންނެވެ. މިގޮތުން ސައޫދީ އަރަބިޔާއާއި ކުވައިތާ އަދި ޔަމަންގެ މިސްކިތްތަކުގައި މީހުން ނަމާދުކުރަން ތިއްބައި އައިއެސްއިން ވަނީ ބޮން ގޮއްވައި އެތަށް ބަޔަކު މަރައި އެތަށްބަޔަކު ޒަޚަމްކޮށްލާފައެވެ. (ރޮއިޓާސް)