ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީންގައި މަސައްކަތް ކުރާ މުވައްޒިފުން ގެންދާނެ ތަނެއް ނެތުމުން އެ އިމާރާތް ހުސްނުކުރެވިފައިވާ ކަމަށް ގައުމީ ޔުނިވާސިޓީ އިން ބުނެފި އެވެ.

މިއަދަކީ ބާޖަމާލުއްދީނުގައި ހުރި ސާމާނު އެތަނުން ގެންގޮސް ހުސް ކުރުމަށް ދީފައިވާ އެންމެ ފަހުގެ ތާރީހެވެ.

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ބާޖަމާލުއްދީން ހުސްނުކުރެވިފައި ވަނީ މުވައްޒިފުން ބަދަލުކުރާނެ ޖާގައެއް ނެތުމުން ކަމަށެވެ. އެޖާގަ ހަމަޖެހުމުން މިއަދުން މިއަދަށް ވެސް ބާޖަމާލުއްދީން ހުސްކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ހުސްކޮށެއް ނުވެއް ނިމޭ އަދި، މުވައްޒިފުން ބައިތިއްބާނެ ތަނެއް ނެތިގެން މުވައްޒިފުން ބަދަލެއް ނުކުރަން." ޑރ. ޝަރީފް ވިދާޅުވި އެވެ.

ޖާގަ ހޯދުމަށް ގައުމީ ޔުނިވާސިޓީގެ ފަރާތުން ރައީސް އޮފީހަށް ވަނީ ގޮތްތަކެއް ހުށައަޅާފަ އެވެ. އެއީ ޕޮލިޓެކްނިކް އިމާރާތް ޔުނިވާސިޓިއަށް ދިނުން ނޫނީ އެމްއީއެސް އިން އިތުރު ޖާގަދިނުމެވެ. އޭގެ އިތުރުން ސޯސަންގެ އިން ވަގުތީ ކްލާސް ރޫމް ހަދަން ޖާގަ ދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ބާ ޖަމާލުއްދީނުގައި ހިންގަމުން އައި ކުލާސްތައް އެމްއީއެސް އަށް ބަދަލުކުރާ އިރު ކޮމްޕިއުޓާ ސެންޓަރު ޔުނިވާސިޓީގެ މައި އިދާރާއަށް މަދަލުކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެކަމާ ގުޅެގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އާއި ސުވާލު ކުރުމުން ވިދާޅުވީ ވަކި އެއްޗެސް ހާމަ ކުރެވެން ނެތް ކަމަށެވެ.

ބާ ޖަމާލުއްދީންގައި ހިންގާ ދެ ފެކަލްޓީގެ ކޯސްތަކުގައި 1،200 އެއްހާ ދަރިވަރުން ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ.

ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން އެތައް ފަހަރެއްގެ މަތިން ސަރުކާރުން ވަނީ ޔުނިވާސިޓީ އަށް އަންގައިފަ އެވެ. ނަމަވެސް ކުދިންގެ ކިޔެވުމަށް ބުރޫއަރާނެ ކަމަށް ބުނެ ޔުނިވާސިޓީ އިން އެތަން ހުސްކޮށްފައެއް ނުވެ އެވެ.