ވޮލީބޯޅައިގެ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ތަފާތު ގޮތްގޮތުން ފާހަގަކޮށްލެވުނު ފަރާތްތަކަށް އެވޯޑް ދިނުން އިއްޔެ ރީތިރަށް ރިސޯޓްގައި އޮތް ސީޒަން އޯޕަނިން މެޗަށްފަހު ބާއްވައިފި އެވެ.

އެގޮތުން 2008 ވަނަ އަހަރާ އަޅާ ބަލާއިރު އެވޯޑްތަކަށް ބައެއް ބަދަލުވެސް ވަނީ ގެނެސްފައެވެ. ކުރިން ހޮވަމުން އައި އެންމެ މޮޅު ލިބަރޯ އާއި ވައިޑީޕީގެ އެންމެ ޚިދުމަތްތެރި ކޯޗުންގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ސެޓަރުގެ އެވޯޑް މިދިޔަ ދެއަހަރުގެ އެވޯޑްގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް މިފަހަރު މުޅިން އަލަށް ދެޖިންސްގެ އެންމެ މޮޅު ބީޗް ވޮލީ ކުޅުންތެރިންގެ އެވޯޑް ވަނީ ހިމަނާފައެވެ.

2009 ވަނަ އަހަރުގެ އެންމެ ޚިދުމަތްތެރި ރެފްރީންނަށް ހޮވިފައިވަނީ މުހައްމަދު އުނައިސް، އިބްރާހީމް ރަޝީދުގެ އިތުރުން އިއްޒަތެވެ.
2009 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު މެއްކުގެ ކޯޗު އިބްރާހީމް ޝިހާމް (ސަޑިއްކެ) ހޯދިއިރު އެ އަހަރުގެ ފިރިހެން އެންމެ މޮޅު ޓީމަކަށް ހޮވުނީވެސް ލީގާއި ޤައުމީ މުބާރާތް ކާމިޔާބު ކުރި މާއެނބޫދޫ މެއްކެވެ. އެންމެ މޮޅު އަންހެން ޓީމަކަށް 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުވެސް ހޮވުނީ ޕޮލިސް ކްލަބެވެ. އެދެއަހަރު ބޭއްވި އަންހެނ ހުރިހާ މުބާރާތެއްގެ ތަށިވެސް ގެންދިޔައީ ޕޮލިހެވެ.

2009 ވަނަ އަހަރުގެ އެންމެ މޮޅު ބީޗް ވޮލީ ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ 2010 ވަނަ އަހަރުގެ އެވޯޑްވެސް ހޯދި އަޝްފާގު އާދަމެވެ. 2009 ވަނަ އަހަރު އަންހެން އެންމެ މޮޅު ބީޗް ވޮލީ ކުޅުންތެރިޔާ ނުހޮވާއިރު 2010 ވަނަ އަހަރު އަންހެން ބީޗޮ ވޮލީ ކުޅުންތެރިޔާގެ މަގާމު ހޯދީ އައިޝަތު ސައްފަ އެވެ.

2009 ވަނަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިންނަށް ހޮވުނީ އަނިލް ނަސީރާއި ޒީނިޔާ މޫސާ އެވެ. 2010 ވަނަ އަހަރު މި އެވޯޑް ހޯދީ މުހައްމަދު އަހުސަން އާއި އައިޝަތު މާޖިދާ އެވެ.

2009 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިންނަކީ އައިޝަތު ސައްފަ، އައިޝަތު ނާޒިމާގެ އިތުރުން ސުހާނާ އަޙްމަދެވެ. 2010 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިންގެ ތެރޭގައިވެސް މި ތިން ކުޅުންތެރިން ހިމެނެއެވެ. އިތުރަށް ހިމެނޭ ކުޅުންތެރިއަކީ ޕޮލިހުގެ އާގިލާ ހާމިދެވެ.

2009 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިންނަކީ އަޝްފާގު އާދަމް، އަޙްމަދު އަބްދުލް ކަރީމް(ލޯންގޭ)ގެ އިތުރުން މުހައްމަދު ރަނޭޝް އެވެ.

2010 ވަނަ އަހަރުގެ އެންމެ މޮޅު 3 ކުޅުންތެރިންގެ ތެރޭގައިވެސް ލޯންގޭ ހިމެނެއެވެ. ދެން ހިމެނޭ ކުޅުންތެރިންނަކީ އިސްމާއީލް ސާޖިދު(ކުޑަކާއްޓޭ) އާއި އިޝާން މުހައްމަދު(ބަޓިސް) އެވެ.

2010 ވަނަ އަހަރުގެ އެންމެ ޚިދުމަތްތެރި 3 ރެފްރީންނަކީ އިސްމާއީލް ރަޝީދު، ސޮފުވާން އަޙްމަދު އަދި މައުމޫރު މުހައްމަދެވެ.

2010 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ޓީމަކަށް ހޮވުނީ ސީޒަންގެ 3 ތަށިވެސް ގެންދިޔަ ދިވެހި ސިފައިންގެ ކްލަބެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންގެ ކޯޗު އިބްރާހީމް ރަޝީދު(ސަތޯ) އެވެ.

މީގެ އިތުރުން މިިދިޔަ އަހަރު ވޮލީއަށް އެކި ގޮތް ގޮތުން ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ދިނުންވެސް މި ރަސްމިއްޔާތުގައި އޮތެވެ.