ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ގެންދަން މެންޗެސްޓާ ޔުނައިޓަޑުން 28.6 މިލިއަން ޕައުންޑަށް ބިޑްކޮށްފި އެވެ.

ސްޕެއިންގެ ގައުމީ ޓީމާ ރެއާލްގެ ވެސް ވައިސް ކެޕްޓަނެއްގެ ގޮތުގައި ރާމޯސް ރެއާލްއާ އެކު ހާދާފައިވާ ކޮންޓްރެކްޓް ހަމާވާން ބާކީ ދެ އަހަރު އެބައޮތެވެ.

ސެވިއްޔާ އިން ކެރިއާ ފަށައި 2005 ވަނަ އަހަރު ރެއާލްއާ ގުޅުނު ރާމޯސް އެޓީމްގައި ބެހެއްޓުމަށް ރެއާލްގެ ޗީފް އެގްޒެކެޓީވް ހޯސޭ އެންޖަލް ސަންޗޭޒް ވަނީ ރާމޯސްއާ ބައްދަލުކޮށް ވާހަކަ ދައްކާފަ އެވެ.

ނަމަވެސް އެބައްދަލުވުމުގައި ރާމޯސް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވުމަށް ބޭނުންވާ ކަމަށް ސަންޗޭޒް ގާތުގައި ބުނެފައިވާ ކަމަށް އިނގިރޭސި މީޑއާތަކުން ވަނީ ބެނެފަ އެވެ.

ޔުނައިޓަޑުން ރާމޯސް ގެންދަށް ހުށަހަޅާފައިވާ އަގު ރެއާލުއިން ގަބޫލެއް ނުކުރެ އެވެ. ރެއާލއިން ރާމޯސްގެ އަގަކަށް ކިޔަނީ 64 މިލިއަން ޕައުންޑެވެ. ނަމަވެސް ރެއާލްއިން ގެންދަން މަސައްކަތް ކުރާ ސްޕެއިންގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ޑެވިޑް ޑެހެއާ ގެންދަން ބޭނުން ވާތީ އެ އަގު ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓަ ޔުނައިޓަޑްގެ ގޯލް ކީޕަރު ޑެވިޑް ޑެހެއާ: އޭނާ ގެންދަން ރެއާލްއިން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ / ގެޓީ އިމޭޖަސް

ޑެހެއާ ގެންދަން ރެއާލްއިން ހުށަހަޅާފައި ވަނީ 25 މިލިއަން ޕައުންޑުގެ އަގެކެވެ. ނަމަވެސް އެއަގު މެންޗެސްޓާ ޔުނައިޓަޑުން ގަބޫލެއް ނުކުރެއެވެ. ހެއާ ޔުނައިޓަޑަ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އެއް އަހަރު އެބައޮތެވެ.

ޔުނައިޓަޑާ ވާދަވެރި މެންޗެސްޓާ ސީޓީއިންވެސް ވަނީ ރާމޯސް ގެންދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ އެކްސްޕްރެސް ނޫހުން ބުނެފައި ވަނީ ރެއާލް ދޫކޮށް ޔުނައިޓަޑަށް ރާމޯސް އަތުވެއްޖެ ނަމަ އޭނާއަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 230,000 ޕައުންޑު ދޭން ތައްޔާރަށް އޮތްކަމަށެވެ.

ރާމޯސް ވަނީ ރެއާލްއަށް 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފައިނަލް މެޗްގެ އިތުރު ވަގުތުގައި ރެއާލްއަށް ނަތިޖާ ހަމަހަމަކޮށްދީ އިތުރު ވަގުތަށް ގެންގޮސްދިނީ ރާމޯސް ކާމިޔާބު ކުރި ލަނޑުންނެވެ.