30 Jun 2015, 15:03
ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ގައުމީ ފިލްމް އެވޯޑް މި އަހަރުގެ އޮކްޓޯބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް މާދަމަ އިން ފެށިގެން އެންސީއޭގެ އޮފީހުން ލިބެން ހުންނާނެ އެވެ.
އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު މިއަދު 'ސަން' އަށް ވިދާޅުވީ މި ފަހަރުގެ އެވޯޑުގައި ބައިވެރިކުރެވޭނީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފިލްމްތަކެވެ.
އޭގެތެރޭގައި ފީޗާ ފިލްމްތަކާއި ކުރު ފިލްތަކުގެ އިތުރުން ޑޮކިއުމަންޓްރީ ފިލްމްތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަހަރުގެ އެވޯޑް ވަރަށް ތަފާތު ވާނެ، ވަރަށް ޕްރޮފެޝަނަލް އެވޯޑް ހަފްލާއަކަށް މި އެވޯޑް ވެގެންދާނެ،" މުއާޒު ވިދާޅުވި އެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ބާއްވަމުން އައި މި އެވޯޑް ހަފްލާގައި މި އަހަރު ޖުމްލަ 33 ކެޓަގަރީއެއް ވަނީ ހިމަނާފަ އެވެ. އޭގެެތެރޭގައި ފިލްމްތަކުގައި ހިމަނާފައިވާ ި މިއުޒިކް ބައިން ދެވޭ އެވޯޑްތައް ވެސް ހިމެނެ އެވެ.
ގައުމީ ފިލްމް އެވޯޑު އެންމެ ފަހުން ދީފައި ވަނީ 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ވަނީ ފިލްމް އެވޯޑް ދިނުން ވަނީ ހުއްޓާލާފަ އެވެ.