30 Jun 2015, 13:54
ޓެރަރިޒަމްގެ ދައުވާ އުފުލައި ފުލުހުންގެ ބަންދުގައި ބަހައްޓާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އެމްއާރްއައި ސުކޭނެއް ހަދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އިމްރާނަށް ފަރުވާދިނުމަށް މިއަދު މާލެ ގެނައުމަށް ފަހު އަނބުރާ ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އިމްރާނު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ބުރަކަށީގެ އެމްއާރްއައި ޓެސްޓެއް ވަނީ ހަދައިފަ އެވެ.
އަދާލަތު ޕާޓީގެ ސެކަޓުރީ ޖެނަރަލް މުހައްމަދު އިއާދު މިއަދު ސަން އަށް ވިދާޅުވީ އިމްރާން ބުރަކަށީގައި ރިއްސާތީ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ބުރަކަށީގެ އިތުރުން ހަކުރުގެ މައްސަލައާއި ޔޫރިކް އެސިޑު މައްޗަށް ދިއުން ފަދަ މައްސަލަތައް އިމްރާނަށް ކުރިމަތިވެފައިވާ ކަމަށް އިއާދު ވިދާޅުވި އެވެ.
އިމްރާނަށް ވަނީ ދާދިފަހަކުން ދެ ތިން ފަހަރަކު މާލެ ގެނެސް ފަރުވާދީފަ އެވެ.
މޭޑޭ މުޒާހަރާއަށް ފަހު އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އިމްރާން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން އިމްރާން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ، މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށް، އޭނާގެ ޝަރީއަތް ކުރިއަށް ގެންދާ ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފަ އެވެ.