30 Jun 2015, 13:49
ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރު އުވާލައި ގިނަ މަސްއޫލިއްޔަތުތަކަކާ އެކު "ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ" އުފެއްދުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފި އެވެ.
އެ ބިލު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ. އެ ބިލު ބަލައިގަތުމާ އެކު ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ވަނީ ފޮނުވާފައި އެވެ.
ދާދިފަހުން މަޖިލީހަށް އިންތިހާބުވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލުގައި ބުނެފައި ވަނީ، ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީއެއް އުފައްދަން ޖެހޭނެ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ އެ އޮތޯރިޓީ އުފެދުމާ އެކު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު އުވާލައި އެތަނުގެ އެންމެހާ މުދަލާއި ވަސީލަތްތަކާއި މުވައްޒަފުންނާ އެފަރާތްތަކުގެ އެންމެހާ ހައްގުތަކާއި އިލްތިޒާމުތައް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަށް ބަދަލުވާނެ ކަމަށެވެ.
އޮތޯރިޓީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޗީފް އެގްޒެކެޓިވެއް އަދި ޑެޕިއުޓީ ޗީފު އެގްޒެކެޓިވެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހޭ ކަމަށް ވެސް އެ ބިލްގައިވެ އެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުން ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ނެވެ.
އޮތޯރިޓީއަށް ދީފައިވާ ބާރުތައް:
- ކާރިސާތަކުގައި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުން.
- ކާރިސާތަކުގެ ނުރައްކާތެރިކަން ކުޑަކުރުމާ ގުޅޭ ގޮތުން ގަވާއިދުތަކާއި އުސޫލުތަކާ ޕްލޭންތައް ހެދުން.
- ވިލަރެސްކުރާ ފަރާތުގެ ގޮތުގައި ކާރިސާއާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތެރިވުން.
- ވިލަރެސްކުރާ ފަރާތުގެ ގޮތުގައި ކާރިސާއާ ގުޅޭ ކަންކަމާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވުން.
- ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅޭ މައްސަލަތަކާ ކަންކަމަށް ހާއްސަވުން.
- ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާއި ގުޅޭ ދިރާސާ ކުރުމާއި މައުލޫމާތު އެއްކުރުމާއި ފެތުރުން.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ހުރިހާ ވަޒީރުން ހިމެނިވަޑައިގަންނަވާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ކައުންސިލެއް އެ ގާނޫނަށްއަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އުފައްދަން ޖެހެ އެވެ.
އެ ކައުންސިލުގެ މަގުސަދަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި ތައްޔާރުވެ ތިބުމާއި ކާރިސާތަކަށް އިޖާބަ ދިނުމާއި ކާރިސާތަކުން އިޔާދަވުމާ ބެހޭނިންމުންތައް ނިންމާއި ގައުމީ ސިޔާސަތުތައް ކަނޑައެޅުމެވެ.
ބިލު ހުށަހެޅުއްވި މެމްބަރު ފާރިސް ވިދާޅުވީ، އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ، ގުދުރަތީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިމާވާ "އަރައްކާތަކާއި ކާރިސާތަކުން" ރާއްޖޭގެ ސަރަހައްދާއި ރައްޔިތުންނާ އެ ރައްޔިތުންގެ މުދަލާއި ރާއްޖޭގެ ތިމާވެއްޓާއި އަދި ބިނާވެށި ހިމާޔަތް ކުރުން ކަމަށެވެ.