ޑެންގީ ހުމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަދާމަ އިން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ނުބާއްވާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކުލަވާލައްވާފައިވާ ޓާސްކް ފޯހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން ބަންދުކުރީ މިނިސްޓްރީން ވަކިއެއްޗެއް އަންގަންދެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ބަންދުކުރި ނަމަވެސް ޖީސީއޯ އޯލެވެލް އިމްތިހާން ހަދާ ކުދިންނަށް ކިޔަވައިދޭނެ ޚާއްސަ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށެވެ.

"ކިންޑާގާޑަން އިން ފަށައިގެން ގްރޭޑް 12އާ ހަމައަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރާ ވާހަކަ މިދަންނަވަނީ. ނަމަވެސް އޭގެ ތެރެއިން ބޭރުގެ އެގްޒާމްސް ހަދާ ކުދިންނަށް، އޯލެވެލް ހަދާކުދިންނަށް ޚާއްސަ އިނާޔަތްތަކެއް، ޚާއްސަ އެރޭންޖްމެންޓުތަކެއް އަޅުގަނޑުމެން ސްކޫލްތެރެއިން ހަދާނަމޭ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް ބަންދުކުރަނީ ޑެންގީ ހުމާ ގުޅިގެން ކަމުގައިވާތީ ސްކޫލްތައް ހުޅުވުމާ ބެހޭގޮތުން އެއްޗެއް ދެންނެވޭނީ އެކަމަށް ތަފާތެއް އައިސްގެން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.