05 Mar 2011, 09:19
ޓްރިޕޮލީ : ލިބިޔާގައިތިބި ބޭރުގެ ދެމީހަކު ވައިގެމަގުން ގެންދިޔުމަށް މަސައްކަތްކުރި ހޮލެންޑްގެ ޢަސްކަރީ ހެލިކޮޕްޓަރެއް ހިފަހައްޓައިފިކަން ލިބިޔާ އިން ހާމަކޮށްފިއެވެ.
ގައްޒާފީގެ ސަރުކާރުގެ ރަސްމީ ޓީވީ ބުނިގޮތުގައި ހޮލެންޑްގެ ޢަސްކަރީ މި ހެލިކޮޕްޓަރު މިދިޔަ އާދިއްތަ ދުވަހު ހިފެހެއްޓީ ހުއްދައަކާނުލައި ލީބިޔާގެ ވައިގެ ސަރަޙައްދަށްވަދެ ލީބިޔާގެ އައްސޭރިފަށުގެ ރަށެއްކަމަށްވާ ސިރްތު އަށް ތިރިކުރުމަށްފަހު ޔޫރަޕްގެ ދެމީހަކު ގޮވައިގެން ފުރަންތައްޔާރުވެފައި ވަނިކޮށެވެ. ލީބިޔާގެ ޓީވީން ވަނީ މިހެލިކޮޕްޓަރާއި އޭގައިތިބި ހޮލެންޑް ތިންފަޅުވެރިންގެ ވީޑިޔޯއެއް ދުރަށް ދައްކާފައެވެ.
ގައްޒާފީގެ ބާރުތަކުންވަނީ މިހެލިކޮޕްޓަރ ހިފެހެއްޓުމަށްފަހު އޭގެ ފަޅުވެރިންގެ ގޮތުގައިތިބި ޔުރަޕްގެ ދެފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައެެވެ.
ހޮލެންޑްގެ ސަރުކާރުންބުނީ މި ހެލިކޮޕްޓަރ މަސައްކަތްކުރީ ސިއްރިޔާތުގައި ލީބިޔާގައި ކަންތައްތަކެއް ހިންގުމަށް ނޫންކަމަށާއި މިހެލިކޮޕްޓަރ ލިބިޔާއަށް ދިޔައީ ގައްޒާފީގެ ސަރުކާރުގެ ހުއްދަލިބިގެން ކަމުގައެވެ. އަދި މިހެލިކޮޕްޓަރުގެ އޮޕަރޭޝަން ބިނާވެފައިވަނީ ލިބިޔާގައި ކުރިޔަށްދާ ގަޑުބަޑުތަކުގެ ތެރޭގައި ތާށުވެފައިތިބި ޔޫރަޕްގެ ވަރަށް މުހިއްމު ދެމީހަކު ލީބިޔާއިން ގެންދިޔުމަށް ކަމުގައެވެ.
މިހެލިކޮޕްޓަރު ލީބިޔާއަށް އައީ ލީބިޔާގެ ކަނޑުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ޙަރަކާތްތެރިވާ ހޮލެންޑްގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ކަމަށާއި މިހެލިކޮޕްޓަރާއި އޭގެ ތިންފަޅުވެރިން މިނިވަންކުރުމަށްޓަކައި ގައްޒާފީގެ ސަރުކާރާ ވާހަކަ ދައްކަމުން ގެންދާ ކަމަށްވެސް ހޮލެންޑް ސަރުކާރުން ބުނެއެވެ.
ހޮލެންޑްގެ މިހެލިކޮޕްޓަރުން ގެންދަން މަސައްކަތްކުރި ޔުރަޕްގެ ދެމީހުން ލީބިޔާގައި ހުންނަ ހޮލެންޑްގެ އެންބަސީއާ ހަވާލުކުރުމުން އެދެމީހުން މިހާރު ހޮލެންޑަށް ހިނގައްޖެ ކަމަށް ޚަބަރުތައް ބުނެއެވެ. (ބީ.ބީ.ސީ)