30 Jun 2015, 12:49
ވިޔަފާރީގެ ހުއްދަ ނެތި މާލެ އާއި އަތޮޅުތެރޭގައި ހިންގަމުންދާ "ބާޒާރުތައް" ޖޫރިމަނާކުރާނެ ކަަމަށް އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.
ރޯދަ މަހަށް ޚާއްސަކޮށްގެން މާލެ އާއި ހުޅުމާލޭ އަދި ވިނލިގިލީގެ ބައެއް ސަރަހައްދުތަކުގައި ވަގުތީ ބާޒާރުތައް ހަދައިގެން ބައެއް ފަރާތްތަކުން ދަނީ ތަރުކާރީ އާއި މޭވާ ވިއްކަމުންނެވެ.
މާލެ އަދި އަތޮޅުތެރޭގައި ވެސް ރަޖިސްޓްރީ ނުކޮށް ދިވެއްސަކު ވެސް އަދި ބިދޭސީ އަކުވެސް ވިޔަފާރިކުރާ ކަމަށް ވަންޏާ 10000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
"މިކަހަލަ ( ގަވައިދާ ޚިލާފަށް ކުރާ) ވިޔަފާރިތައް އުފަންވެގެން އެ ވިޔަފާރިތައް ރެގިއުލޭޓް ނުކުރެވޭ ކަމަށްވަންޏާ ކުދި ވިޔަފާރިތަކަށް މިއިން މިހިޔަނި އެޅެނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެން ވާކަށް،" ވިސާމް ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ވެސް އިކޮނަމިކް މިނިސްޓްރީން ވިޔަފާރިތައް ޗެކް ކުރަމުންދާ ކަމަށާއި މި ދުވަސްވަރު ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް އިތުރުވެފައިވާ ކަމަށް ވެސް މަރިޔަމް ވިސާމް ވިދާޅުވި އެވެ.
އިކޮަނަމިކް މިނިސްޓްރީ އިން އެޕްރިލް މަހުން ފެށިގެން މިހާތަނަށް 742 ފަރާތެއް ވަނީ ޗެކްކޮށްފަ އެވެ. އޭގެ ތެރޭގައި ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓް ކެފޭތައް ހިމެނޭ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ. އެޕްރީލް ޗެކް ކުރި ތަންތަނުގެ ތެރެއިން 142 ތަނެއްގައި ތިބީ ބިދޭސީ ކޭޝިއަރުންން ކަަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ. އަދި ޗެކްކުރި ތަންތަނުގެ 19 ޕަސެންޓް ތަންތަނާ ދޭތެރޭ ތަންފީޒީ ފިޔަވަޅުއަޅާފައިވާ ކަަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.
ބައެއް ފަރާތްތަކުން ގާނޫނާ ޚިލާފަށް ކުރިނަމަވެސް ގިނަ ފަރާތްތަކުން ވިޔަފާރި ކުރަނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.
"ގިނަ ބަޔަކު ގަވައިދާ އެއްގޮތަށް ވިޔަފާރީގެ ކަންތައް ކުރިއަށް ގެންދަނީ،" ވިސާމް ވިދާޅުވި އެވެ.
ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވެސް ދަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަމިއްލަ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ގާނޫނު ދަށުން ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން އިކޮނަމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަންޖެހެ އެވެ.