30 Jun 2015, 12:53
ރާއްޖެއަކީ ކާރިސާއެއް ދިމާ ނުވާނެ ތަނެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި ކާރިސާއާ ބެހޭ ގާނޫނެއް ގެނައުން މިހާރު ވެސް މާ ބޮޑަށް ލަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
ދާދިފަހުން މަޖިލީހަށް އިންތިހާބުވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނާ އަދި އުދަ އެރުމާއި ކަނޑު ގަދަވުން ފަދަ ކަންކަމުން ރާއްޖެއަކީ ކާރިސާ ދިމާ ނުވާނެ ތަނެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް އަޅުގަނޑު ވަރަށް އުފާ ކުރަން ކަންކަން ބެލެހެއްޓުމަށް ވަކި ހާއްސަ އިދާރާއެއް އުފެއްދި އެ އިދާރާއެއްގެ ދަށަށް ރާއްޖެއިން ބޭރުން ލިބޭ ހުރިހާ އިނާޔަތްތަކާއި ސާމާނު އެއްކޮށް ޖަމާ ކުރެވޭނެ ކަމުގައި އަޅުގަނޑު ހަމަގައިމު ވެސް ގަބޫލު ކުރަން،" މޫސަ ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު: އޭނާ ވިދާޅުވީ ރާއްޖެއަކީ ކާރިސާ ކުރިމަތި ނުވާނެ ތަނެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް -- ފައިލް ފޮޓޯ
ބަހުސްގައި ވާހަކަފުޅުދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކާރިސާއާ ބެހޭ ބިލުގައި ވަރަށް މުހިއްމު ނުކުތާތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލު ވެގެންދާނީ އެ ބިލުގެ ސަބަބުން މުހިއްމު މަސައްކަތްތަކެއް އެއްގޮތް ކުރެވިގެން ދާނެ މަސައްތަކެއްގެ ގޮތުގައި ކަމަށެވެ.
"ވަރަށް މުހިއްމު ނުކުތާއެއް ވަރަށް މުހިއްމު ބިލެއް ކަންނޭނގެ މިއީ. އަޅުގަނޑުމެން ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ ގޮތަށް ހާއްސަކޮށް މިޒާތުގެ ކަންތައްތަކުގައި ކުށްވެރިވާ ފަރާތްތަކަށް ކުށް ކަނޑައަޅާ ބޭއްވުން އެއީ މިހާރު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިނގަމުންދާ ކަންތައްތައް. އެއީ ބައެއް ކަހަލަ ގުދުރަތީ ކާރިސާތަކަށް މަގު ފަހިވާ ފަދަ ކަންތައްތައް އިންސާނުންގެ އަމަލުތަކުން ވެސް އެބަ ދިމާވޭ. އެކަމާ ދުނިޔޭފެ ހުރިހާ ފަރާތްތަކަކުން ވެސް އިއްތިފާގުވާނެ. ނަމަވެސް އެފަދަ ކަންކަން ނުކުރުމަށް ނުވަތަ އެފަދަ ކަންކަން ކުރުމަށް އޮތް ގޮޅި ބަންދު ކުރުމަކީ ގާނޫނު ހަދާ މަޖިލީހުން ކުރަންޖެހޭނެ ކަމެއް،" ނިހާނު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު: ކާރިސާތައް ކުރިމަތިވުމުގައި އިންސާނުން ކުރާ ކަންތައްތައް ހިމެނޭ ކަމަށާއި އެފަދަ ފަރާތްތަކަށް ގާނޫނުގެ ދަށުން އަދަބު ލިބެންޖެހޭނެ ކަމަށް: ފައިލް ފޮޓޯ
އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބިލަށް ބަހުސް ކުރައްވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ މަތީން އެއްވެސް މީހަކު އަދި ހަނދާން ނެތިގެން ދާ ވަރެއް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ބިލެއް ނުވަތަ ގާނޫނެއް ހެދިފައި ނެތުމުން ސުނާމީ ކާރިސާގައި އެތައް ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އެގޮތުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ހާލު ބެލުމަށް އެންމެ ކުޑަ މިނުން ހަފުތާއެއްހާ ދުވަސް ވެގެންދާ ކަމަށެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ: އޭނާ ވިދާޅުވީ ކާރިސާ ބިލެއް ނުވަތަ ގާނޫނެއް ހެދިފައި ނެތުމުން ސުނާމީ ކާރިސާގައި އެތައް ގޯސްތަކެއް ހެދިފައިވާ: ފައިލް ފޮޓޯ
"އެހެންވީމަ އެކަމަށް އަޅުގަނޑުމެން ތައްޔާރުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަންތައްތަކެއް އަޅުގަނޑުމެން ފާހަގަކުރަން ޖެހޭނެ. ހަމަ މިއާއެކު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިކަހަލަ ގޮތަކަށް މިކަން ކުރަމުން މިދަނީ. ކަރުދާހުގައި ލިޔެގެން ކަންކަމަށް ބޭނުންވާ މުވައްޒަފުން ލިޔަސް އެކަންކަން ހުންނަނީ ނުކުރެވިފައި. އަޅުގަނޑުމެން ރާއްޖެއަށް ވުރެއް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިފަދަ ކަންކަން ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައި އެބަތިބި. އެހެންކަމުން މިފަދަ ބިލެއް ފާސްވެގެން ދާއިރުގައި އެ ބިލުގެ ސަބަބުން އުފެދޭ މުއައްސަސާ އަކީ މިފަދަ ކާރިސާތަކަށް ތައްޔާރުވެފައިވާ ތަނަކަށް ވާން އެބަޖެހޭ." ގަފޫރު ވިދާޅުވި އެވެ.