30 Jun 2015, 12:25
ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހޯދައި މަޖިލީހަށް ހުށައަޅައިފި އެވެ.
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށައެޅި އެގަރާރު ހުށައެޅީ 61 މެމްބަރުންގެ ސޮޔާއެކުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސްގެ ނާއިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުން ފާސް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެ ކަމަށް ގާނޫނު އަސާސީގައިބުނެ އެވެ. އެއީ 57 މެމްބަރުންނެވެ.
ޝުޖާއު ވިދާޅުވީ އެގަރާރުގައި ޕީޕީއެމް އާއި އެމްޑީއޭގެ މެމްބަރުންގެ އިތުރުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންވެސް ސޮއިކުރައްވާފައިވާ ކަމަށެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އަމާޒަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ދުވަހު "ޖުލައި 26"ގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރު ރާއްޖޭގެ ނައިބު ރައީސް ކަމަށް ގެނައުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިހާރު މަޖިލީހުން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ނައިބު ރައީސްގެ މައްޗަށް ހުށަހަޅައިފި ނަމަ، އެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހަށް ޖަވާބު ދާރީވެވަޑައި ނުގެންނެވިޔަސް، އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުން ފާސް ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.
ނާއިބު ރައީސް މަގާމުން ވަކިކުރަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް ގަރާރެއް ހުށައަޅާފައިވާއިރު ނާއިބު ރައީސް މިވަގުތު ހުންނެވީ ލަންޑަންގައެވެ. މިމައްސަލަތަކާއި ގުޅިގެން އެމަނިކުފާން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.