ޑެންގީ އާއި ބޭރަށް ހިންގުމުގެ ރޯގާ އިތުރުވެފައިވާތީ މިރެއިން ފެށިގެން ދަމަނަވެށި ހުޅުވަން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ބުނީ އާންމު ބަލިތަކުގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޓަކައި މިރެއިން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 10:30 އަށް ދަމަނަވެށި ހުޅުވާނެ ކަމަށެވެ.

އެހެންކަމުން ބޭރަށް ހިންގުމާއި އާންމު ބަލިތަކަށް ފަރުވާދިނުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އަކަށް އަދި ރޭގަނޑު 9:30 އިން 10:30 އަށް ދަމަނަވެށި ހުޅުވާފައި ބެހެއްޓުމަށް ހެލްތް މިނިސްޓްރީ އިން ވަނީ ނިންމާފަ އެވެ.

ޑެންގީ އާއި ރޯގާތައް ވަރަށް ގަދަޔަށް ރާއްޖޭގައި ފެތުރެން މިހާރު ވަނީ ފަށާފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި ގއ. ކޫއްޑޫގައި ޑެންގީ ޖެހިގެން ބިދޭސީއަކު މަރުވެފައިވާރު، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މާބަނޑު އަންހެނަކު ވެސް ވަނީ ޑެންގީހުން ޖެހިގެން މަރުވެފަ އެވެ. އަދި އިއްޔެ ވަނީ ޑެންގީ ޖެހިގެން ހަތް މަހުގެ ކުއްޖަކު މަރުވެފަ އެވެ.

ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް ޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.