05 Mar 2011, 09:13
މޮސްކޯ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ސަރުކާރަށް ހަތިޔާރުވިއްކުން މަނާކުރާ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރުމާގުޅިގެން ހަތަރު ހާސް މިލިޔަން އެެމެރިކާގެ ޑޮލަރުގެ ގެއްލުމަކާ ރަޝިޔާ ކުރިމަތިލާންޖެހިފައިވާ ކަމަަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާގެ ހަތިޔާރުގެ އިންޑަސްޓްރީގެ ކުންފުންޏެއް ކަމަށްވާ ރަޝިޔަން ޓެކްނޮލޮޖީސް ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސަރގީ ޗެމިޒޯވް ވިދާޅުވިގޮތުގައި ލީބިޔާއަށް ހަތިޔާރު ވިއްކުންމަނާކުރާ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރިއިރު ލިބިޔާއަށް ހަތަރު ހާސް މިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތަކެއްގައި ރަޝިޔާވަނީ ގައްޒާފީގެ ސަރުކާރާއެކު ސޮއިކޮށްފައެވެ.
ލީބިޔާގެ ސިފައިންނާއި ހަތިޔާރުއެޅި އެހެން ލަޝްކަރުތަކުގައި ބޭނުންކުރާ ގިނަ ހަތިޔާރަކީ ރަޝިޔާގެ އުފެއްދުންތަކެވެ.
ރަޝިޔާިއން ލީބިޔާ ގަންނަ ބަރު ހަތިޔާރުތަކުގެ ތެރޭގައި ފައިޓަރ ޖެޓް މަތިންދާބޯޓާއި ޢަސްކަރީ ހެލިކޮޕްޓަރާއި ޓޭންކާއި ޢަސްކަރީ ކާގޯ މަތިންދާބޯޓާއި އެނޫންހަތިޔާރުތައް ހިމެނޭކަމަށް ރަޝިޔާ ބުނެއެވެ.
ރަޝިޔާއަށް މިގެއްލުންތައް ލިބުނު ނަމަވެސް ލިބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީ ހިންގަވާ ހަރުކަށި ޢަމަލުތަކާގުޅިގެން ކްރެމްލިން އިންވަނީ ގައްޒާފީއަކީ ސިޔާސީ ގޮތުން މިހާރު މަރުވެފައިވާ ބޭފުޅެއްކަމަށް ސިފަކޮށްފައެވެ. (އިންޓަރފެކްސް ނޫސްއެޖެންސީ)