30 Jun 2015, 14:29
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގއ. ކޮނޑޭ އިންޖީނުގޭގެ ފައިސާތަކެއް ނެގި ކަމުގެ ތުހުމަތުގައި އެ އިންޖީނުގޭގެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ 2009 ވަނަ އަހަރުގެ ތެރޭގައި އެރަށު އިންޖީނުގޭ ފައިސާއާ ހަވާލުވެ ހުރި ގއ. ކޮނޑޭ، ލަކްސްލީން، ނާޒިމާ ނަސީމުގެ މައްޗަށެވެ.
އޭސީީސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ 2009 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޖުލައި މަހާ ހަމަ އަށް، ކޮނޑޭ އިންޖީނުގެއާ އަޕާސައުތް ޔުޓުލިޓީޒް އިން ހަވާލުވުމާ ހަމައަށް، އިންޖީނުގޭ ބިލްތަކަށް 134،049.40 ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކޮނޑޭ އޮފީހާ ހަވާލުކޮށްފައި ވަނީ 104،819.75 ރުފިޔާ ކަމަށާއި އެއީ 29،229.65 ރުފިޔާ މަދު އަދެއް ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.
ޕޮޕިއުލޭޝަން އިންކްރީސް ޕްރޮޖެކްޓެއް ހިނގުމަށް އިންޖީނުގޭގެ އެކައުންޓުން ނެގި ފައިސާގެ ތެރެއިން ހަރަދުނުކުރެވި ހުރި 11،000 ރުފިޔާ އިންޖީނުގޭގެ އެކައުންޓަށް ޖަމާކުރުމަށް ކޮނޑޭގެ ކައުންސިލްގެ އޭރުގެ ރައީސް ހަވާލުވިކަމަށް ބުނެފައިވާ އިރު އެ ފަރާތުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ވެސް އޭސީސީ އިން ބުންޏެވެ.
އެ ފައިސާއާ ހަވާލުވުމަށް ކޮށްފައިވާ ސޮޔަކީ ފޯޖްކޮށްފައިވާ ސޮއެއް ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާތީ، އެ ފައިސާއަކީ އިންޖީނުގޭގެ ފައިސާއާ ހަވާލުވެ ހުރި ނާޒިމާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބޭނުންކޮށްފައިވާ ފައިސާއެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން ނާޒިމާގެ އެ އަމަލުގެ ސަބަބުން ކޮނޑޭ ރައްޔިތުންގެ އިންޖީނުގެއިން މަދުވާ 60،689.65 ރުފިޔާ އޭނާގެ އަތުން އަނބުރާ ހޯދައިދިނުމާ ބެހޭ މައްސަލައެއް ވެސް އޭސީސީ އިން ވަނީ ޕީޖީއަށް ހުށަހަޅައިފަ އެވެ.