30 Jun 2015, 11:08
ރާއްޖެ އަށް އެތެރެކޮށް ވިއްކާ އަސާސީ ކާބޯތަކެތި ކަނޑައަޅައި އެފަދަ ތަކެތި ރައްޔިތުންނަށް އަބަދުމެ އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ކޮމަންޑޫ ދާއިރާ ތަމްސީލު ކުރައްވާ އިދިކޮޅު އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު މަޖިލީހަށް ހުށަހަޅުއްވާފައި އަސާސީ ކާބޯތަކެތީގެ އަގު ކޮންޓުރޯލް ކުރުމުގެ ބިލުގައި ބުނެފައި ވަނީ 12 ބާވަތެއްގެ ތަކެތީގެ އަގު ކޮންޓުރޯލް ކޮށްގެން ވިއްކަން ޖެހޭނެ ކަމަށެވެ.
ކޮންޓްރޯލް އަގުގައި ވިއްކަން ޖެހޭ ތަކެތި:
- ހަނޑޫ
- ހަކުރު
- ގޮދަން ފުށް
- ކުކިން އޮއިލު
- ލޮނު
- މުގު
- ކުކުޅު ބިސް
- އަލުވި
- ފިޔާ
- އާންމުކޮށް ދިވެހިން ބޭނުން ކުރާ ހަވާދުގެ ތެރެއިން ގަނޑުކޮށް ވިއްކާ ހަވާދު
- އައިސް ކުކުޅި
- ސައިފަތް
ނާޝިދު ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ އެ ބިލް ފާސްވެ ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި ކޮންޓުރޯލު އަގުގައި ވިއްކާ ތަކެއްޗާއި އަދި އެ ތަކެތި އުފައްދާފައިވާ ގައުމާއި އެތަކެއްޗަށް އާންމުކޮށް ދިވެހިރާއްޖޭގައި ކިއާނަމާއި އަދި ފަންނީ ނަން ކަމާ ގުޅުން ހުރި މިނިސްޓަރު ކަނޑައަޅަން ވާނެ ކަމަށެވެ.

ބިލު ހުށަހެޅުއްވި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފައިލް ފޮޓޯ
އަސާސީ ކާބޯތަކެތި ވިއްކުމުގެ ފައިދާ ލެވޭނެ މިންވަރަކީ ރާއްޖެ އަށް އަސާސީ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް އެ އެއްޗެއް ހޯލު ސޭލުކުރެވޭނީ މުދަލުގެ ސީއައިއެފްގެ ނުވަތަ ސީއެންއެފް އަގަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކަނޑައަޅާ އިމްޕޯޓު ޑިއުޓީ އިތުރު ކުރުމުންޖެހޭ ޖުމުލަ އަގުގެ 30 ޕަސެންޓަށް ވުރެ މަތި ނުވާ ވަރެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
"އަދި ހޯލް ސޭލަރެއްގެ އަތުން ގަނެގެން ރީޓެއިލު ކުރާ ފަރާތްތަކުން އަސާސީކާބޯތަކެތި ވިއްކަން ވާނީ ހޯލް ސޭލު އަގުގެ 20 ޕަސެންޓަށް ވުރެ މަތިނުވާ ވަރެކެވެ." ނާޝިދު ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.
އެފަދަ ކަންކަމާ ހިލާފަށް މުދާ ވިއްކާ ނުވަތަ ގަންނަ ފަރާތެއް ފުރަތަމަ ފަހަރަށް އެ ވިއްކާ މުދަލެއްގެ 300 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ދެވަނަ ފަހަރަށް 600 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ ތިން ވަނަ ފަހަރުން ފެށިގެން ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށެވެ.