30 Jun 2015, 12:15
އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ވިއެޓްނާމްގައި ބޭއްވި "ވުމަން އިން ޕޮލިސް ލީޑާޝިޕް" ޓްރޭނިންގައި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ އޮފިސަރަކަށް ތައުރީފްކޮށް، ރޯލްމޮޑެލްއެއްގެ ގޮތުގައި ބަލައިގަނެފި އެވެ.
މިދިޔަ މޭ މަހުގެ 23 އިން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވިއެޓްނާމްގެ ހަނީކޯނާގައި ބޭއްވި މި ޕްރޮގްރާމަކީ ރާއްޖެ އިން ބައިވެރިވި އަންހެން ފުލުސް އޮފިސަރަކީ އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު ސުޒީ އެވެ.
ސުޒީއަށް ތައުރީފުކޮށް އެ އިންސްޓިއުޓުން ލިޔުމެއް ދީފައިވާ އިރު ފުލުހުންގެ އިދާރާ އިން ވެސް ވަނީ އެ ފުރުސަތު ދިވެހި ފުލުހުންނަށް ދިން ކަމަށް ޓަކައި ޝުކުރުއަދާކޮށްފަ އެވެ.
ސުޒީއަށް ތައުރީފްކޮށް ދީފައިވާ ލިޔުމުގައި ޕްރޮގްރާމްގެ ހުރިހާ ބައިވެރިން ވެސް ސުޒީ އަކީ ރޯލް މޮޑެލްއެއް ގޮތުގައި ބަލައިގެންފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެއް ގައުމަށް ވުރެ ގިނަ ގައުމު ހިމެނޭގޮތަށް ހިނގާ ކުށްތަކާ ދެކޮޅަށް މިހާރަށް ވުރެ ފުރިހަމައަށް މަސައްކަތްކުރުމުގައި ގާނޫނު ތަންފީޒްކުރާ އިދާރާތަކުގެ މެދުގައި އޮންނަ ބައިނަލްއަގުވާމީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބާރުއަޅާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
މި ޕްރޮގްރާމަކީ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި ރޯޔަލް މެލްބާން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ޔުނިވާސިޓީ އިން ގުޅިގެން ބޭއްވި "އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް" ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި 20 ގައުމަކުން ގާނޫނު ތަންފީޒްކުރުމުގެ ދާއިރާއިން 22 އަންހެނުން ވަނީ ބައިވެރިވެފައިވެ އެވެ.