އިސްރާއީލާ ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންމެ ވަގުތެއްގައިވެސް ހުޅުފަޅައިގެން ހިނގައިދާނޭ ކަމަށާއި އަދި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް)ގެ ހަރުކަށި ޖަމާއަތްތަކުން އެ ސަރަހައްދަށް ކޮންމެ ވަގުތަކުވެސް ވެރިވެގެންފާނެ ކަމަށް ވިދާޅުވެ ފްރާންސްގެ ފޮރިން މިނިސްޓަރު ލޯރެންޓް ފެބިއަސް ދުނިޔޭގެ ގައުމުތަކަށް އިންޒާރުދެއްވައިފި އެވެ.

ނިއު ޔޯކުގައި ހުންން ފްރާންސްގެ މިޝަންގައި ހޯމަދުވަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ލޯރެންޓް ފެބިއަސް ވިދާޅުވީ، "އެފަދަ ހާދިސާއެއް ހިނގައިފި ނަމަ، އަދި ހަމަނުޖެހުންތައް ހުޅުފަޅައިގެން ގޮސްފިނަމަ، އެއީ އެ ސަރަހައްދާއި މުޅި ދުނިޔެއަށް ވެސް ކުރިމަތިވާނޭ ވަރަށް ބޮޑު މައްސަލައަކަށް ވެގެން ދާނެ،" ކަމަށެވެ.

އޭނާ ވިދާޅުވީ، އިސްރާއީލް-ފަލަސްތީނުގެ ދެމެދުގައި ކުރެވެމުންދާ ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތަކުން އޭނެ ފައިދާ ނަގާފާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އައިއެއައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން އެ ސަރަހައްދުގައި ހަމަނުޖެހު ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެބިއަސް ވިދާޅުވީ، އޭނާ އެންމެ ފަހުން އެ ސަރަހައްދަށް ކުރެވި ޒިޔާރަތުގައި އިސްރާއީލް-ފަލަސްތީން ސުލްހައިގެ މަޝްވަރާތަށް އަލުން ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބެއްލެވުމަށް އަރަބި ގައުމުތަކުގެ އިސް ވެރިންނާ މަޝްވަރާކުރައްވާފައި ވާނޭ ކަމަށެވެ.