30 Jun 2015, 00:15
ޑެންގީ ހުން ޖެހިގެން ހަތް މަހުގެ ތުއްތު ކުއްޖަކު ބ. އޭދަފުށީގައި މަރުވެއްޖެ އެވެ.
ތުޅާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އެ ތުއްތު ކުއްޖާ މަރުވެފައި ވަނީ އިމަޖެންސީގައި އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު އިރުއޮއްސި 6:00 އެހާކަންހާއިރު ކަމަށެވެ.
އެ ކުއްޖާގެ އާއިލާގެ މީހަކު ބުނީ، އެކުއްޖާ ހުންއައިސްގެން އުޅޭތާ ތިން ވަރަކަށް ދުވަސްވެފައިވާ ކަމަށާއި ހުންއައުމާއެކު ގަވާއިދުން ޑޮކްޓަރަށް ދައްކަމުން ދިޔަ ކަމަށެވެ. އެގޮތުން ކުރިން ވެސް ޑޮކްޓަރަށް ދައްކާފައިވާ އެ ތުއްތު ކުއްޖާ މިއަދު 11:00 އެހާކަންހާއިރު އަނެއްކާ ޑޮކްޓަރަށް ދެއްކުމަށްފަހު، ކުރިއަށްވުރެ ހާލުދެރަވެގެން އަނެއްކާވެސް ހަވީރު ޑޮކްޓަރަށް ދެއްކީ ކަމަށް އާއިލާއިން ބުންޏެވެ.
މިއަދު ހަވީރު ޑޮކްޓަރަށް ދެއްކުމުން ވަގުތުން އޮކްސިޖަން ގުޅާފައި އެޑްމިޓް ކުރުމަށްފަހު، އިމަޖެންސީގައި އޭދަފުށީ ހޮސްޕިޓަލަށް ގެންދިޔުމަށް ލަފާދިނުމުން އެ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
ޑެންގީ ހުން ވަރަށް ގަދަޔަށް ރާއްޖޭގައި ފެތުރެން މިހާރު ވަނީ ފަށާފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ގއ. ކޫއްޑޫގައި ޑެންގީ ޖެހިގެން ބިދޭސީއަކު މަރުވެފައިވާރު، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މާބަނޑު އަންހެނަކު ވެސް ވަނީ ޑެންގީހުން ޖެހިގެން މަރުވެފައެވެ.
ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.