29 Jun 2015, 22:07
މިސްރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތުގެ މޮޓޯކޭޑަށް ދިން ބޮމުގެ ހަމަލާއެއްގައި އޭނާ އަށް ލިބުނު ޒަޚަމްތަކަށް ގާހިރާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.
މިސްރުގެ ޖަސްޓިސް މިނިސްޓަރު އަހްމަދު އަލް ޒިންދާއާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވަނީ، ހޯމަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް ކައިރޯގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް ހިޝާމް ބަރަކާތު އަވަހާރަވެފައިވާ ކަމަށެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައިވާ ގޮތުން ހިޝާމް އަވަހާރަވެފައި ވަނީ، ބޮމުގެ ހަމަލާގައި އެތެރެހައްޓަށް ލިބުނު ޒަޚަމްތަކަށް ފަރުވާކުރުމަށް ކައިރޯގެ ގާހިރާގެ އަލް-ނުހްޒާ ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނަށްކަށް ފަހު ވެސް ލޭމަނާ ނުވުމުގެ ސަބަބުން ކަމަށެވެ.
ގާހިރާގެ ހެލިއޮޕޮލިސް އަވަށުގެ މިލިޓަރީ ކޮލެޖެއްގެ ބޭރުގައި ހިޝާމް ބަރަކާތުގެ މޮޓޯކޭޑަށް އަމާޒުކޮށް ޕާކުކޮށްފައިވާ ކާރުތަކެއްގައި ޑިވައިސްތަކެއް ހަރުކޮށްގެން ދިން ބޮމުގެ ހަމަލާގައި އާންމުންގެ ދެމީހުންނާއި ފުލުސް އޮފިސަރަކު ވެސް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހިޝާމް ބަރަކާތުގެ ހަށިފާރަވެރިޔަކު ކިޔައިދިން ގޮތުގައި އެ ބާރުގަދަ ބޮމުގެ ހަމަލާ ދިންވަގުތު ހީވީ އެހިސާބަށް ބިންހެލުމެއް އައިހެން ކަމަށެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއާއި ފިހާރަތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

މިސްރުގެ ޕްރޮސިކިއުޓާ ޖެނެރަލް ހިޝާމް ބަރަކާތުގެ މޮޓޯކޭޑަށް ދިން ބޮމުގެ ހަމަލާގައި ހަލާކުވެފައިވާ އުޅަނދުތައް -- އޭއެފްޕީ ފޮޓޯ: ބީބީސީ
ބޮމްބް ސްކޮޑްގެ ޗީފް ޖެނެރަލް މުޙައްމަދު ޖަމާލުއާ ހަވާލާދީ އޭއެފްޕީގައި ބުނެފައި ވަނީ، އެ ހަމަލާ ދީފައި ވަނީ ކާރުބޮމެއް ނުވަތަ ބަރާކާތު ދަތުރުކުރެއްވި ކާރުކޮޅު ކައިރީގައި ޕާކުކޮށްފައިވާ އުޅަނދުތަކެއްގައި ގޮވާއެއްޗެހިތަކެއް ހަރުކޮށްގެން ކަމަށެވެ.
މިސްރުގެ ވެރިކަމުން ދުރުކުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވާ މުސްލިމް ބްރަދަހޫޑް ޖަމާއަތުން އެ ހަމަލާ ކުށްވެރިކޮށްފައިވާ އިރު، އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.
ހިޝާމް ބަރަކާތަށް މީގެ ކުރިންވެސް ވަނީ މަރުގެ އިންޒާރުތައް ދީފައެވެ.
މިސްރުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގްރޫޕަކުން މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ، އެޖަމާއަތުގެ 6 ހަނގުރާމަވެރިއަކު ދަންޖައްސާފައިވާތީ މިސްރުގެ ޝަރުއީ ދާއިރާއަށް ހަމަލާދިނުމަށް ގޮވާލައިފައެވެ.