29 Jun 2015, 21:12
މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު 22 ޕަސެންޓް ދަށްވި ނަމަވެސް އެ މުއްދަތުގައި ހުށަހެޅުނު ޖިންސީ މައްސަލަތަކާއި މަގުބޫލު އުޒުރެއްނެތި ރޯދަ ދޫކޮށްލުމުގެ މައްސަލަތައް އިތުރުވެއްޖެ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު 402 މައްސަލައެއް ހުށަހެޅިފައިވާއިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވަނީ 315 މައްސަލައެވެ. އެހެން ކަމުން މިއީ 22 ޕަސެންޓް ދަށް އަދަދެކެވެ.
ކުށުގެ މައްސަލަ ހުށަހެޅުނު މިންވަރު ދަށްވި ނަމަވެސް ޖިންސީ މައްސަލަ ހުށަހެޅުނު މިންވަރު ވަނީ 167 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ފުރަތަމަ 10 ދުވަހު ޖިންސީ ތިން މައްސަލަ ހުށަހެޅުނު ނަމަވެސް މިއަހަރު ވަނީ އޭގެ އަށް މައްސަލައެއް ހުށަހެޅިފައެވެ. މިދިޔަ އަހަރު ރޯދަ މަހު އެމުއްދަތުގެ ތެރޭގައި މަގުބޫލު އުޒުރެއް ނެތި ރޯދަ ދޫކޮށްލުމުގެ ތިން މައްސަލައެއް ހުށަހެޅުނުއިރު މިއަހަރު ވަނީ އެފަދަ ހަ މައްސަލައެއް ހުށަހެޅިފައެވެ.
"ފާއިތުވި އަހަރާއި މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެބޮޑު ތަފާތެއް ފެނިފައިވަނީ ފުލުހުންނަށް ހުށަހެޅިފައިވާ ޖިންސީ މައްސަލަތައް. ފުލުހުންނަށް ހުށަހެޅިފައިވާ ޖިންސީ މައްސަލަތައް ވަނީ 167 އިންސައްތަ އިތުރުވެފައި،" ފުލުހުން ބުންޏެވެ.

އާއިލީ މައްސަލަތައް ހުށަހެޅުނު މިންވަރު ވަނީ 20 އިންސައްތަ އިތުރުވެފައެވެ. ފާއިތުވި އަހަރު އެ މުއްދަތުގައި އާއިލީ ފަސް މައްސަލަ ހުށަހެޅުނުއިރު މިއަހަރު އެ މުއްދަތަގައި ހަ މައްސަލަ ހުށަހެޅިފައި ވެއެވެ. އެމުއްދަތުގައި ހުށަހެޅުނު ޚިޔާނާތުގެ މައްސަލަތައް 38 އިންސައްތަ އިތުރު ވެފައިވެއެވެ.
މިދިޔަ އަހަރު އެ މުއްދަތުގައި ފުލުހުންނަށް ވައްކަމުގެ 107 މައްސަލައެއް ހުށަހެޅުނުއިރު މިއަހަރު ހުށަހެޅިފައިވަނީ 65 މައްސަލައެކެވެ. އެހެންކަމުން ވައްކަމުގެ މައްސަލަތައްވެސް ވަނީ 39 ޕަސެންޓް ދަށްވެފައެވެ.
އެކްސިޑެންޓްގެ މައްސަލަތަކަށް ބަލާއިރު މިދިޔަ ރޯދައިގެ އެމުއްދަތުގައި 62 އެކްސިޑެންޓެއްގެ މައްސަލައެއް ހުށަހެޅިފައިވާއިރު މި އަހަރު ހުށަހެޅުނީ 54 މައްސަލައެވެ.
ކައުންޓާފީޓް އަދި ފޯޖަރީގެ އެއްވެސް މައްސަލައެއް މި އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 10 ދުވަހު ފުލުހުންނަށް ހުށަހެޅިފައެއްނުވެއެވެ.
ފުލުހުންނަށް އެ މުއްދަތުގައި ހުށަހެޅިފައިވާ މައްސަތަކުގެ ތެރެއިން މާރާމާރީގެ މައްސަލަތައް 45 ޕަސެންޓް މަދުކުރެވިފައިވާއިރު ފޭރުމުގެ މައްސަލަތައް ވަނީ 20 ޕަސެންޓް މަދުކުރެވިފައިވެއެވެ. އަދި ގެއްލޭތަކެތީގެ މައްސަލަތައް 24 އިންސައްތަ މަދުކުރެވިފައިވާއިރު މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅުނު މިންވަރު 20 ޕަސެންޓް މި މުއްދަތުގައި މަދުކުރެވިފައިވެއެވެ.
ފުލުހުން ބުނީ ހުށަހެޅުނު މައްސަލަތައް މަދުކުރެވިފައިވަނީ ދުރާލައި ތައްޔާރުވެގެން ފުލުހުން ކޮށްފައިވާ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ކުށް ހިނގާފައިވާ ސަރަހައްދުތަކާއި ވަގުތަށް ބަލައި ފުލުހުންގެ މަސައްކަތްތައް އެންމެ އެކަށޭނަ ގޮތަށް ވަނީ ބައްޓަންކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.