އެފްއޭކަޕް ގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމްއިން ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިިވާން އެދޭ ފޯމު އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ގެ ކުރިން ފުރިހަމަކުރުމަށް ފަހު ހުށަހެޅުމަށް އެފްއޭއެމް އިން ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު މިއަދު ވަނީ އެފްއޭއެމްގެ ކައުންޓަރުން ދޫކުރަން ފަށާފައެވެ. ފޯމާއި ގަވާއިދު ދޫކުރަނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އާ ހަމަޔަށެވެ.

އެފްއޭއެމް އިން ބުނެފައިވަނީ އެފްއޭއެމްގެ މެންބަރު ކްލަބުތަކުގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެފްއޭއެމްގެ މެންބަޝިޕް ކުލަބުތައް ފިޔަވައި އެހެނިހެން އެސޯސިއޭޓް މެންބަރު ކުލަބު ނުވަތަ ޖަމްއިއްޔާތަކަށް މުބާރުގައި ބައިވެރިވުމަށް 3000 ރުފިޔާގެ ފީއެއް ހުށަހަޅަން ޖެހެއެވެ.

އެފްއޭކަޕަކީ ރައްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ނިއުރޭޑިއަންޓެވެ. އެޓީމުން ވަނީ 12 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ނިއުއިން ވަނީ މުބާރާތުގެ ތަށި ދެ ފަހަރަށް މިލްކުކޮށްފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ މާޒިޔާއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓު ބަލި ކުރުމަށް ފަހުގައެވެ.