ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން އަލީ ޕާޓީގެ ކަންކަން ނިންމަވަނީ ޕާޓީގެ ކައުންސިލްގެ އަޣްލަބިއްޔަތުން ނިންމަވާ ގޮތެއްގެ މަތިން ކަމަށާއި އެއީ ލީޑަރުގެ ޚުދުމުޚުތާރު އަމަލެއް ކަމަށް ޕާޓީ ނުދެކޭ ކަމަށް ޑީއާރްޕީން ބުނެފި އެވެ.

ތަސްމީން ޕާޓީގެ ނިންމުންތައް ނިންމަވަނީ އެއްވެސް މަޝްވަރާއަކާނުލައި، ވަރަށް ޚުދުމުޚްތާރުގޮތެއްގައި ކަމަށް، ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާ އިން ރޭ މީޑިއާ އަށް ދެއްވި ބަޔާނަށް ރައްދު ދީ، ޑީއާރްޕީގެ ސެކްރެޓޭރިއެޓުން، އަބްދުއްރަޝީދު ނާފިޒު ސޮއިކުރައްވައި ނެރުނު ބަޔާނެއްގައި ބުނަނީ، ޒައީމުގެ އާއިލާގެ ބަޔާނުގައި ވަރަށް ބޮޑަށް ހަގީގަތް އޮޅުވާލައިފައިވާ ކަމަށެވެ.

"..ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އާ ޙަވާލާ ދެއްވައި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ރޭ މީޑިއާ އަށް ދެއްވި ބަޔާނަކީ ޑީއާރުޕީގެ މެމްބަރުންނަށް ކަމުގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅުވާލެވިފައިވާ ބަޔާނެއް ކަމަށް މި ޕާޓީން ދެކެމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ، ތަސްމީން ޕާޓީގެ ކަންކަން ނިންމަވަމުން ގެންދަވަނީ ޕާޓީގެ ކައުންސިލްގެ އަޣްލަބިއްޔަތުން ނިންމަވާ ގޮތެއްގެ މަތިން ކަމަށެވެ.

"ޕާޓީގެ ކައުންސިލަކީ ޕާޓީގެ ޤައުމީ ޖަލްސާއިން އިންތިޚާބް ކޮށްފައި އޮންނަ މެމްބަރުންގެ މައްޗަށް އަސާސީ ޤަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އެކުލަވާލެވިފައި އޮންނަ ކައުންސިލެކެވެ. އަސާސީ ޤަވާއިދު ބުނާގޮތުން، ޕާޓީގެ ސިޔާސަތުތައް އެކަށަ އެޅުމާއި ޕާޓިގެ ކަންކަން ނިންމުމުގެ ބާރާއި އިޚްތިޔާރު ލިބިދީފައިވަނީ މިދެންނެވި ކައުންސިލަށެވެ. އަދި މި ކައުންސިލްގެ ކޮންމެ ނިންމުމަކީ ކައުންސިލްގެ އަޣްލަބިއްޔަތު ލިބިގެން ނިމޭ ކަންތައްތަކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެ އުސޫލުން މިހާތަނަށް ޑީއާރްޕީން ނިންމާފައިވާ ކޮންމެ ނިންމުމެއް ތަންފީޒުކުރުމަކީ ޕާޓީގެ ލީޑަރަށް ކުރައްވަން ޖެހޭ ކަމެއް ކަމަށާއި އެއީ "އެއްވެސް ޙާލެއްގައި ލީޑަރުގެ ޚުދުމުޚުތާރު ޢަމަލެއްކަމަށް މި ޕާޓީ އަކުންނެއް ނުދެކޭ" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ޑީއާރުޕީ އަކީ، އަސާސީ ގަވާއިދުގެ ރޫހާ ޚިލާފަށް ވަކި ފަރާތަކުން އަންގާގޮތަކަށް އަމަލުކުރަން ޖެހޭ ޕާޓީއެއް ކަމަކަށް ވެސް އެ ޕާޓީ އަކުން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިޓީވީ މެދުވެރިކުރައްވައި ޑީއާރުޕީގެ މެންބަރުންނާ މުހާތަބުކުރައްވަމުން މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫން ރޭ ވިދާޅުވެފައިވަނީ، ތަސްމީން ޕާޓީގެ ލީޑަޝިޕަށް އިސްވި ފަހުން ޕާޓީގެ ކަންތައްތައް ހިނގަމުން ދަނީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފަށް ކަމަށާއި ތަސްމީން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ވެސް ހުދުމުހުތާރު ގޮތަކަށް ކަމަށެވެ.

"ޕާޓީގެ ލީޑަރު ކަންތައްތައް ކުރައްވަމުން ގެންދަވަނީ އެއްވެސް މަޝްވަރާ ކުރެއްވުމެއް ނެތި ވަރަށް ހުދުމުހުތާރު ގޮތެއްގައި. މިކަމަކީ ޑީއާރުޕީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން. މިއީ މުޅި ދުނިޔެ ގަބޫލު ކުރާ ޑިމޮކްރެޓިކް އުސޫލުތަކާ މުޅިން ހިލާފު ގޮތެއްގައި،" ޔުމްނާ ރޭ ވިދާޅުވެފައި ވެއެވެ.