29 Jun 2015, 16:46
ކީރިތިރަސޫލާގެ ސުންނަތުން ސާބިތުވާ ހައްދުކަނޑައެޅިފައިވާ ކުށްތަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަބުތައް ގާނޫނުލް އުގޫބާތުގައި ހިމެނުމަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ގާނޫނުލް އުގޫބާތުގެ އެންމެ ފަހު މާއްދާ އަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ގުރުއާނުގައި ގިސާސް ނުވަތަ ހައްދު ކަނޑައެޅިފައިވާ ކުށާއި ސުންނަތުގައި ގިސާސް ނުވަތަ ހައްދު ކަނޑައެޅިފައިވާ ކުށް އިސްލާމީ ޝަރީއަތުގައި ކުށް ސާބިތުވުމަށް އޮތް މިންގަނޑު ކަމުގައިވާ އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ މީހަކަށް ގުރުއާނުގައި ނުވަތަ ސުންނަތުގައި އެކުށަކަށް ސާބިތުވާ އަދަބެއް ކަނޑައަޅަންވާނެ ކަމަށެވެ.
މިހާރު އެ މާއްދާގައި ބުނެފައި ވަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ގާނޫނުލް އުގޫބާތާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ.
ގާނޫނުލް އުގޫބާތަށް އެގޮތަށް އިސްލާހު ހުށަހަޅާފައިވާއިރު އަންނަ ބުދަ ދުވަހަކީ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަށާ ދުވަހެވެ. ގާނޫނުލް އުގޫބާތަށް އަމަލު ކުރަން އަންނަ ބުދަ ދުވަހު ފަށާ ގޮތަށް ހަމަޖައްސާފައި ވަނީ މިދިޔަ މޭ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ އުގޫބާތާއި ކުށްކުށާއި އުގޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާއުގެ ގޮތުގައި ބޭނުން ކުރެވޭނެ ކަންތައްތަކާއި އަދަބު ކަނޑައެޅުމުގެ އުސުލާއި އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި އެކަންކަމާ ބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ.