ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

"ﷲގެ އިޒުނަޔާއެކު ކިތައްކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟" (އަލްބަޤަރާ: 249) މިއީ އަރަހުށި މާތްﷲ މިދުނިޔެއަށްޓަކައި ކަނޑައަޅުއްވައިފައިވާ ޤާނޫނެކެވެ. މިޤާނޫނުގައިވާގޮތުން މިދުނިޔޭގެ އިއްޒަތާއި މަތީ ދަރަޖަ ލިބެނީ ހަމައެކަނި ވަސީލަތްތަކާއި ޢަދަދު ގިނަ ޖަމާއަތްތަކަކަށެއްނޫނެވެ. މިދުނިޔޭގައި ވަސީލަތްތަކާއި އަދަދުމަދު ޖަމާއަތްތަކަކަށްވެސް އިއްޒަތާއި ނަޞްރާއި މަތީ މަޤާމުލިބިދާނެއެވެ. ނަމަވެސް ޝަރުޠަކާއެކުގައެވެ. މާތްﷲގެ އިޒުނަފުޅުލިބުމެވެ. އެކަލާނގެ އިޒުނަފުޅާ އެއްގޮތަށް ކުރިޔަށް ދިޔުމެވެ.

އަރަހުށި މާތްﷲގެ އިޒުނަފުޅަކީ ކޮބައިތޯއެވެ. އާދެ އެއީ، މީސްތަކުންނަށް މަންފާކޮށްދޭ ބަޔަކަށްވުމެވެ. ކީރިތި ޤުރުއާނުގެ ސޫރަތުއްރަޢުދުގައި އެޙަޤީޤަތްވަނީ ބަޔާން ކުރައްވައިފައެވެ. އަރަހުށި މާތްﷲ ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

"އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގެ އެ ހަރުލައި ހުންނާށެވެ." (އައްރަޢުދު: 17)

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެއްގައި މިޙަޤީޤަތް ބަޔާންކުރައްވައިފައި ވަނީ މިދަންނަވާ މޭރުމުންނެވެ. "މަތީގައި އޮންނަ އަތްތިރީގައި އޮންނަ އަތަށްވުރެ ހެޔޮކަންބޮޑެވެ." މާނައަކީ މީސްތަކުންނަށް އެއްޗެހިދޭ އަތް މީސްތަކުންގެ ކިބައިން ލިބިގަންނަ އަތަށްވުރެ ހެޔޮކަންބޮޑެވެ. މިވާހަކަފުޅު އެހެން ލަފުޒުތަކަކުން ޢިބާރާތްކުރާނަމަ މިދަންނަވާ ގޮތަށް ޢިބާރާތްކޮށްލެވިދާނެއެވެ. މުޖްތަމައުގައި އަބަދުވެސް ދެފަންތިއެއް އޮވެއެވެ. އެއީ ދޭ ފަންތިއަކާއި އަތުލާ ފަންތިއެކެވެ. ޙަޔާތުގެ އަބަދީ ޤާނޫނަކީ އަތުލާ ފަންތިއަށް މިދުނިޔޭގައި އަބަދުވެސް ނިކަމެތިކަމާއި، ބަލިކަށިކަމުގެ ފެންވަރުން ޖާގަލިބުމެވެ. ތުނޑު ސުފުރާއަށް އެއުރެންގެ އަތްހަމަނުވުމެވެ. ދޭމީހުންގެ ފަނުވަތަށް އަބަދުވެސް މަތީދަރަޖަ އާއި އިއްޒަތާއި ޝަރަފު ލިބުމެވެ. ތުނޑު ސުފުރާއިން ޖާގަލިބުމެވެ.

މިޒަމާނުގެ އިސްލާމީ ލީޑަރުން އުންމަތް ކުރިއެރުވުމުގެ ނަމުގައި ހިންގާ ޙަރަކާތްތަކުގައި ޙަޔާތުގެ މިޝުއޫރު ހިމެނިފައެއްނޯވެއެވެ. އަބަދުވެސް އެބައިމީހުން އުޅެންބޭނުންވަނީ މުއްސަދީންގެ މުށްފަތުންނެވެ. ތިމާމެންގެ އަމިއްލަ ޒަމީރާއި ތިމާމެންގެ ޖަމާޢަތުގެ ޝަރަފު ފައިސާއަށް ވިއްކައިގެންނެވެ. މުސްލިމުންގެ ތަރައްޤީގެ ސިއްރަކީ މަސައްކަތްތެރި، ޚިދުމަތްތެރި ބަޔަކު ކަމުގައިވުން ކަމެއް އެބައިމީހުންނަކަށް ވިސްނައެއް ނުގަނެވުނެވެ. އަދުލު ނަމުގައި ޖަމާޢަތްހެދިޔަސް އިންސާފުގެ ނަމުގައި ފަންވަތް ތައްޔާރުކުރިޔަސް ކަންހުންނަނީ މިހެންނެވެ. މިޒަމާނުގެ އިސްލާމީ ލީޑަރުން މުސްލިމުންނަށް ދަސްކޮށްދެނީ ވަކި ހިލޭ ވެގަތުމެވެ. ދުނިޔަވީ ކަމަކަށްވިޔަސް އަޅުކަމާ ގުޅޭ ކަމަކަށްވިޔަސް ވެއެވެ.

ޝައްކެއްނެތެވެ. މުސްލިމުންގެ ތަރައްޤީގެ ސިއްރަކީ ބަވަނަ ވަންތަކަމަށް ތަރުޙީބުދޭ ބަޔަކަށްވުމެވެ. ޢިލްމުވެރި އުފެއްދުންތެރި، ހޭލުންތެރި ބަޔަކަށްވުމެވެ. ޒަމާނާ ފައިހަމަކުރަން އެނގޭ ބަޔަކަށްވުމެވެ. ހިތްވަރާއި ފަންވަރުހުރި، ހީވާގި ބަޔަކަށްވުމެވެ. އެހެން މީހުންނަށް މަންފާކޮށްދިނުމުގެ ޢަޒުމުގައި ކޮޅަށް ތެދުވާ ބަޔަކަށްވުމެވެ. ހަމައެކަނި ޙައްޤުތައް ހޯދުމަށް އަޑުއުފުލޭ ބަޔަކަށް ނުވުމެވެ. މުސްލިމުން މިފަދަބަޔަކަށް ވެއްޖެނަމަ މާތްﷲ ދުނިޔޭގެ އިމާމުކަން އަނެއްކާވެސް މުސްލިމުންނާ ޙަވާލުކުރައްވާނެ ކަމީ ކަށަވަރުކަމެކެވެ.