29 Jun 2015, 14:49
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހޯދައިފި އެވެ.
ގާނޫނު އަސާސީގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސްގެ ނައިބު މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން، ސަބަބު ބަޔާންކޮށް ހުށަހަޅާ ލިޔުމަކުން ކަމަށެވެ.
އަށްޑިއަހަ ފަސް މެމްބަރުންގެ މަޖިލީހުގެ ތިންބައިކުޅައެއް ބަޔަކީ 29 މެމްބަރުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސްގެ ނާއިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުން ފާސް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެ ކަމަށް ގާނޫނު އަސާސީގައިބުނެ އެވެ. އެއީ 57 މެމްބަރުންނެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވެ ވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ސަން އަށް ވިދާޅުވީ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް 58 މެމްބަރުން ސޮއިކުރައްވާފައިވާ އިރު އޭގެ ތެރޭގައި އެމްޑީޕީގެ ފަސް މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރެއް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ބާރަށު ދާއިރާގެ މެމްބަރު ސުޖާއު--
"އަޅުގަނޑުމެން މިބަލަނީ މާދަމާ[ ރައްޔިތުންގެ މަޖިލީހަށް ގަރާރު] ވެއްދުމާ ހަމަ އަށް 60 އިއްޒަތްތެރި މެމްބަރުން ސޮއިކުރާނެ ކަމަށް. އޭގެ ތެރޭގައި ޖޭޕީ އާއި އެމްޑީޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ." ސުޖާއު ވިދާޅުވި އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ އަމާޒަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ ދުވަހު "ޖުލައި 26"ގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލް ޣަފޫރު ރާއްޖޭގެ ނައިބު ރައީސް ކަމަށް ގެނައުން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ސުޖާއު ކުރިން ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގައި މެމްބަރުން ތަމްސީލު ކުރާ ގޮތް:
- ޕީޕީއެމް: 44 މެމްބަރުން
- އެމްޑީޕީ: 21 މެމްބަރުން
- ޖޭޕީ: 11 މެމްބަރުން
- އެމްޑީއޭ: 5 މެމްބަރުން
- އަދާލަތު: 1 މެމްބަރުން
- މިނިވަން: 3 މެމްބަރުން (މެމްބަރު ރީކޯ މޫސާ މަނިކު/ މެމްބަރު އަހުމަދު މަހުލޫފު/ މެމްބަރު ހުސައިން އަރީފް)