ނައިޖީރިއާގައި މަސައްކަތްކުރަމުން ދިޔަ އެގްރިކަލްޗަރަލް އިންޖިނޭރަކު ރަހީނުކޮށް ވަރަށް ބޮޑަށް އަނިޔާކުރުމުން ދަނިކޮށް އެމީހާ، އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ނަން ބުނުމުން ސަލާމަތްވެއްޖެ އެވެ.

އުމުރުން 28 އަހަރުގެ ސަންޓިއާގޯ ލޮޕޭޒް މެންޑޭޒް ބުނީ، ރަހީނުކުރި މީހުންގެ އަތްދަށުން އޭނާގެ ފުރާނަ ސަލާމަތްވީ، މެސީގެ ސަބަބުން ކަމަށާއި އެހެންކަމުން މެސީއަށް ޓަކައި ކޮންމެ ކަމެއްވެސް ކުރުމަށް އޭނާ ތައްޔާރަށް ހުރިކަމަށެވެ.

މެންޑޭޒް އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ނައިޖީރިއާގެ ސިޓީއެއް ކަމަށްވާ ކޮންޓަގޯރާގައި ސޯޔާ އާއި ކޯންގެ ދަނޑުވެރިކަން ކުރަމުން އައި މީހެކެވެ. އޭނާ ބުނީ، މިހަފްތާ ތެރޭގައި އޭނާ މަސައްކަތުގައި އުޅެނިކޮށް ބަޔަކު މީހުން އޭނާ ކިޑްނެޕް ކުރީ ކަމަށާއި އަދި ވަރަށް ބޮޑަށް އަނިޔާކުރި ކަމަށެވެ. އެމީހުންނަށް އިނގިރޭސިން ވާހަކަ ދައްކަން ނޭނގޭތީ އެމީހުންނާ މުއާމަލާތު ކުރެވޭނޭ ގޮތެއް ނެތި ގޮތްހުސްވި ކަމަށް ވެސް އެނާ ބުންޏެވެ.

މެންޑޭޒް ބުނީ، އޭނާއަކީ އާޖެންޓީނާ މީހެއްކަން އެމީހުންނަށް ކިޔައިދެވޭތޯ އުޅެއުޅެ ގޮތް ހުސްވެގެން އެންމެ ފަހުން އޭނާ "މެސީ، މެސީ، މެސީ" ކިޔައި ރޯއި އާދޭސްކުރަން ފެށުމުން އެމީހުން އޭނާއަށް އަނިޔާކުރުން ހުއްޓައިލި ކަމަށެވެ.

ރަހީނުކޮށްފައި ތިން ދުވަސްވަންދެން ބެހެއްޓުމަށް ފަހު، އެމީހުން މެންޑޭޒް ދޫކޮށްލީ އޭނާ މަސައްކަތްކުރާ ކުންފުނިން، ގިނަ އަދަދެއްގެ ފައިސާ ދިނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

އާޖެންޓީނާގެ ނޫހެއް ކަމަށްވާ ކްލެރިންއަށް މައުލޫމާތުދެމުން މެންޑޭގެ ބޭބެ ޖޯޖް ބުނީ، "މެސީއާ ދޭތެރޭގައި އަހަރެން ފަހުރުވެރިވަމޭ" އަދި "އަހަރެންގެ ފުރާނަ ސަލާމަތްވީ އޭނާގެ ނަން ބުނުމުން ކަމަށް" މެންޑޭޒް އޭނާ ކައިރީ ބުނިކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ ސަލާމަތުން އެނބުރި އާޖެންޓީނާ އަށް އަންނާނޭ ކަމަށް ވެސް ޖޯޖް ބުންޏެވެ.