ޤާހިރާ : މުބާރަކްގެ ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް މިސްރުގެ ރައްޔިތުން ގެނައި އިންޤިލާބު ޙިމާޔަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެއިންޤިލާބުގެ ލަނޑުދަނޑިތައް ޙާސިލްކުރަން މިސްރުގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް މިސްރުގެ ބޮޑުވަޒީރު ކަމަށް އަލަށް ޢައްޔަންކުރެވުނު ޑޮކްޓަރު ޢިސާމް ޝަރަފު ވިދާޅުވެއްޖެ އެވެ.

މިސްރުގެ އިންޤިލާބު ތަމްޘީލްކުރާ ރައްޔިތުންގެ ބަޔަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝަރަފް މިއަދު ވިދާޅުވީ ސަރުކާރުގެ އަމާޒާއި އިންޤިލާބުގެ އަމާޒަކީ އެކަށްޗަކަށް ހައްދަވާނެ ކަމުގައެވެ.

މިސްރުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ޑޮކްޓަރ ޢިސާމް ޢައްޔަން ކުރެވުނީ މުބާރަކްގެ އެންމެ ފަހުގެ ދުވަސްވަރު ބޮޑުވަޒީރުކަމަށް ޢައްޔަން ކުރެއްވި ޖެނެރަލް އަޙްމަދު ޝަފީޤު މަޤާމުން ދުރުކުރުމަށް، އިންޤިލާބު ތަމްޘީލްކުރާ ފަރާތްތަކުން، މިސްރުގެ ޢަސްކަރީ އެންމެ މަތީ މަޖިލީހަށް ފިއްތުންތައް ކުރިމަތިކުރުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމުން ދުރުކުރެވުނު އަޙްމަދު ޝަފީޤަކީ އިންޤިލާބާ ބީރައްޓެހި އަދި މުބާރަކްގެ ދުވަސްވަރުގެ ޚުދުމުޚްތާރު ވިސްނުމުގެ ބޭފުޅެއް ކަމަށް ރައްޔިތުންނާއި އިންޤިލާބުގެ ޒުވާނުން ދެކެއެވެ.

މިސްރުގައި މިހާރުވަނީ ޤާނޫނު އަސާސީ އަށް ޢަމަލުކުރުން ހުއްޓާލައި ޤާނޫނު ހަދާ މަޖިލިސްވެސް އުވާލާފައެވެ. މިހާރު މިސްރުގައި ވަގުތީ ގޮތުން ވެރިކަންކުރަނީ ޢަސްކަރީ އެންމެމަތީ މަޖިލީހުންނެވެ.

މިސްރުގެ ދަސްތޫރު އިސްލާޙްކޮށް ދިމުޤްރާތީ ގޮތުން އިންތިޚާބެއް ބޭއްވެންދެން އެޤައުމުގައި ވަގުތީ ގޮތުން ވެރިކަން ކުރަމުން ގެންދަނީ މިމަޖިލިހުންނެވެ. މިމަޖިލީހުން މިސްރުގެ ސަރުކާރުގެ ވެރިއަކަށް (ބޮޑުވަޒީރު ކަމަށް) ޢައްޔަން ކުރެއްވި ޑޮކްޓަރ ޢިސާމް ޝަރަފަކީ މުބާރަކާ ދެކޮޅަށް އިންޤިލާބު ގެނައުމުގައި މައިދާނުއްތަޙްރީރުގައި ޙަރަކާތްތެރިވި ޝަޚްސިއްޔަތެއްވެސް މެއެވެ. (އަލްޖަޒީރާ)