29 Jun 2015, 14:07
އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމް ކުރާ ހައިކޯޓުގެ ގޮފިތަކުގައި ތިއްބަވާ ފަނޑިޔާރުންގެ ތިބުމުގެ ހަރަދު ހަމަޖައްސައިދިނުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގައި އެދެފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ދެ ގޮތްޕަށް ހަމަޖައްސާ ފަނޑިޔާރުން ތިބުމަށް އިމާރާތްތަށް ކުއްޔަށް ހިފަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައި ދިނުމަށް އެދޭކަމަށް އެސިޓީގައި ވަނީ ބުނެފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސިޓީފުޅުގައި ރައީސް ޔާމީން އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކުރައްވާފަ އެވެ.
އަދި ހައިކޯޓުގެ ގޮފިތަށް ގާއިމްކުރުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ތަރައްޤީ އާއި ރައްޔިތުންގެ ހެވާ ލާބަޔަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން އަދުލުއިންސާފުގެ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަށް ހަލުވިކުރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
"އަދުލު އިންސާފުގެ ދާއިރާއިމް ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތަށް ހަލުވިކޮށް ރައްޔިތުންނަށް ވީހާވެސް ގާތުން އަދުލުއިންސާފަށް ވާސިލްވެވޭނެ މަގުތަށް ތަނަވަސްކޮށްދިނުމުގެ ގޮތުން ކޮށްދެވޭ ކަމެއް،" އުއްތަމަ ފަނޑިޔާރުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމު ކުރަން ޖެހޭ ހައި ކޯޓުގެ ދެ ގޮފީގެ ތެރެއިން، ދެކުނު ގޮތްޕަށް ހައި ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސާފަ އެވެ.