އިބުބާރު ނެތް ކަމުގެ މައްސަލައެއް ނައިބު ރައީސްގެ މައްޗަށް ހުށަހަޅައިފި ނަމަ، އެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހަށް ޖަވާބު ދާރީވެވަޑައި ނުގެންނެވިޔަސް، އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުން ފާސް ކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހު ފާސްކުރީ 52 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާޙު އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 14 މެމްބަރަކު ވޯޓު ދެއްވި އެވެ.

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ އެފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން 14 ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެ ކަމަށެވެ.

އެ ގަރާރުގެ ބަހުސްގެ މަރުހަލާގައި އަނގަ ބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާނެ ކަމަށް ވެސް ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އަދި ގާނޫނީ ވަކީލަކު ބޭނުން ކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވާއިދުގައި ވެސް ވަނީ އެ ފުރުސަތު ނައިބު ރައީސަށް ދީފަ އެވެ. ނަމަވެސް އެ އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް އޮންނަ ދުވަހު މަޖިލީހުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާޒިރު ނުވި ނަމަވެސް ބަހުސް ކުރިއަށް ގެންގޮސް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމަންވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަޙަޅާ ނަމަ އެ މައްސަލައެއް މަޖިލީހުން ބަލައިގަތުމަށް ފަހު 11 މެމްބަރުންގެ ކޮމިޓީއަކަށް އެ މައްސަލަ ހަވާލުކުރެވިދެނެ ކަމަށެވެ. ނަމަވެސް ކޮމެޓީއަކަށް އެ މައްސަލަ ފޮނުވަން ގާނޫނު އަސާސީގައި ލާޒިމްކޮށްފައެއް ނުވެ އެވެ. ގާނޫނު އަސާސީގައި އެ މާއްދާ އިބާރާތްކޮށްފައިވާ ގޮތުން ކޮމެޓީ އުފެއްދުން އޮތީ އިހްތިޔާރީކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ކޮމެޓީއެއް އުފަންދަންޖެހޭނެ ކަމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރާ ނަމަ އެ ކޮމެޓީ އުފެއްދިދާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީޕީއެމާއި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ނިންމާފައި އެވެ.

ގާނޫނު އަސާސީގައި 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަގުލަބިއްޔަތެވެ.