ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ ތިން ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާގައި ރުހުން ދީފި އެވެ.

ތިން ވަޒީރުންނަށް ވެސް ރުހުން ލިބުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

މަޖިލީހުން ރުހުން ދީފައިވާ ތިން ވަޒީރުންނަކީ ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ހ. އާބަނޑޭރިއާގޭ އަހުމަދު ޒުހޫރާއި އިސްލާމިކް މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ހަލަވެލި، ބ. އޭދަފުށި ޑރ. އަހުމަދު ޒިޔާދުގެ އިތުރުން ހެލްތު މިނިސްޓަރު ކަމަށް ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ހ. އޯކިޑު އިރުތިޝާމް އާދަމް އެވެ.

ތިން ބޭފުޅުންނަށް ކޮމިޓީ މަރުހަލާގައި ވެސް ވަނީ ރުހުން ލިބިވަޑައިގެންފައި އެވެ.

ކުރީގެ ހެލްތު މިނިސްޓަރަކަށް ހުންނެވި ޒުހޫރު ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޔޫތު މިނިސްޓަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު މަލީހު ޖަމާލު ވަކި ކުރެއްވުމަށް ފަހު އެވެ.

ހެލްތު މިނިސްޓަރު ކަމަށް އިރުތިޝާމް ހަމަޖައްސާފައި ވަނީ ޔޫތު މިނިސްޓަރު ކަމަށް ޒުހޫރު ހަމަޖެއްސެވި ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޒިޔާދު އެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވުމުން ނެވެ. ޒިޔާދު އެ މަގާމަށް ހަމަޖެއްސެވީ މިދިޔަ މަހުގެ 6 ވަނަ ދުވަހު އެވެ.