29 Jun 2015, 14:06
މާދަމާރޭ ދަންވަރު 0:00 ގެ ކުރިން ހިނގާ "ލީޕް ސިކުންތު"ގެ ސަބަބުން އިންޓަނެޓް އާއި ކޮމްޕިއުޓަރުތަކަށް މައްސަލަތަކެއް ދިމާވެދާނެ ކަމަށް ކޮމްޕިއުޓަރުގެ މާހިރުން ބުނެފި އެވެ.
މާދަމާރޭ 23:59:59 އަށް ފަހު އެއް ދުވަހަށް ދުނިޔޭގެ ގަޑިތަކަށް އެއް ސިކުންތު އިތުރު ކުރާނެ އެވެ. އެއާ އެކު މި އަހަރު ނިމޭ އިރު މުޅި އަހަރުގައި އެއް ސިކުންތު އިތުރު ވާނެ އެވެ. އެހެން ކަމުން މި އަހަރު އިންނާނީ ޖުމްލަ 31،536،001 ސިކުންތެވެ.
ގަޑިތަކަށް ސިކުންތެއް އިތުރު ކުރުން ނުވަތަ "ލީޕް ސިކުންތެއް" ހިމެނުމަކީ ކުރުން މުހިއްމު ކަމެއް ކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ. ސައިންޓިސްޓުން ބުނީ އެ ސިކުންތު ހިމެނުމަކީ ދުނިޔޭގެ އެނބުރުމުގެ ސްޕީޑު މަޑުވަމުން އަންނަ ކަމާ ގުޅިގެން ގަޑިތައް އެކަމަށް "ފެއްތުމަށް" ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ކޮމްޕިއުޓަރުގެ މާހިރުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް ލީޕް ސިކުންތު ހިނގާނީ އެއްގޮތަކަށް އަދި އެއް ވަގުތަކު ނޫން ކަމަށް ވުމުން ކޮމްޕިއުޓަރުތަކަށް މައްސަލަތަކެއް ދިމާވެދާނެ އެވެ. އެއްބައި ގަޑިތަކުން 59 ވަނަ ސިކުންތަށް ފަހު އައު މިނެޓެއް ފަށާނެ އެވެ. އަދި އަނެއް ގަޑިތަކުން 59 ވަނަ ސިކުންތުން ޖެހިގެން އިން ސިކުންތު އައުމުގެ ބަދަލުގައި 59 ވަނަ ސިކުންތު ދެފަހަރަށް އަންނާނެ ކަމަށް ވެސް މާހިރުން ވަނީ ބުނެފަ އެވެ.
ނަތީޖާއެއްގެ ގޮތުން ވަގުތު ފަހަތަށް ދާކަމަށް ކޮމްޕިއިޓަރުތަކަށް ނަގައިގަނެވި ސިސްޓަމް އެރޯތަކެއް ދިމާވެ ސީޕީޔޫ އޯވަލޯޑް ވެދާނެ ކަމަށް މާހިރުން ބުންޏެވެ.
ސައިންޓިސްޓުން ދެކޭ ގޮތުގައި ޑައިނަސޯރުން ދުނިޔޭގައި އުޅުން ޒަމާނުގައި ދުނިޔެ، އެއް ދުވަސް ހަމަ ކުރުމަށް ނަގަނީ 23 ގަޑިއިރު ކަމަށެވެ. ނަމަވެސް 1820 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް ދުބިޔެ އެއް ދުވަސް ހަމަ ކުރަން 24 ގަޑިއިރު ނަގާފައި ވަނީ 1820 ވަނަ އަހަރުގައި ކަމަށް ސައިންޓިސްޓުން ބުންޏެވެ.
މިއަހަރަކީ 1972 ވަނަ އަހަރުން ފެށިގެން އަހަރަކަށް ލީޕް ސިކުުންތެއް އެއް ކުރެވޭ 24 ވަނަ ފަހަރެވެ.