އެއްގަމު އުޅަނދުގެ ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ މައާފުކޮށްދިނުމަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް ސުޓިކާ ޖެހުން ހުއްޓުވުމަށް ރަނގަޅު އުސޫލުތަކެއް ގާއިމު ކުރަން ޖެހޭ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މިހާރު ސަރުކާރުން އެއްގަމުން ދަތުރު ފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ އޭގެ ސަބަބުން ނަތީޖާ ނެރެވޭނެ އިސްލާހެއް ނޫން ކަމަށެވެ. ނަމަވެސް އުޅަނދުތަކުގައި ޖަހާފައިވާ ސުޓިކާތަކުން ކޮށްފައިވާ ޖޫރިމަނާ ކަނޑާލުމަކީ ކޮންމެ ވެސް ދިވެހި ރައްޔިތުންތަކަކަށް އެކަމުގެ ސަބަބުން ލިބޭނެ ލުޔެއް ކަމަށާއި އެކަމަށް ތާއީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމެއްގައި ހަމައެކަނި ޕާކު ކުރާނެ ތަނެއް ނެތިގެން އުޅެންޖެހޭ ބަޔަކީ ހަމައެކަނި ދިވެހިރާއްޖެ އިއްޒަތްތެރި ރައީސް. މި ނޫނިއްޔާ މަގުމަތީގައި ޕާކު ކުރާ ގައުމެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި ނެތް. ދެން މިކަން ހައްލު ކުރުމަށްޓަކައި އަދި އެހެން ކަމެއް ކުރިއަސް މިކަމެއް ނުވާނެ. މިކަން ކުރަންޏާ މިކަން ކުރެވޭނެ ގޮތަށް ސަރުކާރުން ކަންތައް ކުރަން ޖެހޭނީ. ސަރުކާރުގެ ބަޖެޓުގައި 130 މިލިއަން ރުފިޔާ ހަމައެކަނި ސުޓިކާ ޖަހައިގެން ލިބޭނެ ކަމަށް އޮތީމާ ދެން މިކަން ކުރުމުގެ ވިސްނުމެއް ގެންގުޅޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޣަފޫރު ވިދާޅުވި އެވެ.

އިސްލާހަށް ބަހުސް ކުރައްވަމުން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު ވިދާޅުވީ އެ މީހަކު ހިތައް އެރިހާ ތާކު ހިތައް އެރި ގޮތަކަށް ޕާކު ކުރުމުން އިޖުތިމާއީ ގިނަ މައްސަލަތައް ވެސް ފެންމަތިވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނެއް ހަދަމުންދާއިރު ނުވަތަ ގާނޫނެއް އިސްލާހު ކުރާއިރު ރަނގަޅަށް ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ޖޫރިމަނާ ކަނޑާލުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން "އެހެންކަހަލަ" މެސެޖެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ:

"ޖޫރިމަނާ ރަނގަޅަށް ދައްކާފައި ހުރި ފަރާތްތައް ދެން ވަރަށް ދެރަ ގޮތެއް އެވީ. ދެން ގާނޫނާ އެއްގޮަތަށް ދައްކާފައި އޮތީމާ މިފަހަރަކު ނެތް. ގާނޫނާ ހިލާފަށް ޖޫރިމަނާ ނުދައްކާ ހުރި ފަރާތްތައްތަކަށް އެ ލިބެނީ މައާފު. އެހެންވީމަ އެއީ އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބޭ ކަމަކަށް ނުވާނެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކާރު ބާރު ބޮޑެތި ގައުމުތަކުގައި އޮންނަނީ ސެޓިފިކެޓު އޮފް އެންޓައިޓަލެއް އޮންނާނެ. އިޒަތްތެރި ރައީސް. އަޅުގަނޑުމެން އެބަ ރޯޑު ވާދިނަސްއެއް ހައްދަމުން. އުންޝުއަރެންސް އެބަކުރަމު. އެކަމަކު އިއްޒަތްތެރި ރައީސް ލާރި ދީފައި ޕާކު ކޮށްލެވޭނެ ނިޒާމެއް ވެސް މިތާކު ނެތް. ދަންނަވާލަން މިއުޅެނީ މިކަހަލަ ކަންތައްތައް ރަނގަޅު ކުރަން އެބަޖެހެއޭ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޓިކާ ޖެހުން މިހާރު ހުއްޓާލާފައި ވުމުން ހޮސްޕިޓަލު ކުރިމަތީގައި ވެސް ޕާކު ކުރަމުންދާ ކަމަށެވެ. ނާޝިދު ވިދާޅުވީ އެކަމުގެ ސަބަބުން އެމެޖެންސީ އަޅަމުން އަންނަ އެމްބިއުލާންސަށް ހޮސްޕިޓަލަށް ނުވަދެވޭ ތަން އަންނަމުން އައިސްފައިވާ ކަމަށެވެ.

އެއްގަމު އުޅަނދު ފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކުރުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި އެގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ މިގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މައާފްވީ ކަމަށެވެ.

އެހެން ކަމުން އެ ގާނޫނު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު، ގަވައިދާ ހިލާފަށް ޕާކް ކުރުމުން މިހާރު ކޮށްފައި ހުރި ޖޫރިމަނާތައް މައާފުވެގެންދާނެ އެވެ.

އެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދު ޖޫރިމަނާ ކުރުމާ އެ ފަރާތެއްގެ ލައިސެންސް އިން ޕޮއިންޓް މަދުކުރުމުގެ ބާރު ލިބިގެންދެ އެވެ.