29 Jun 2015, 13:33
ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ، އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގައި ރާއްޖެ އިން ސޮއިކޮށްފި އެވެ.
މިއަދު ބެއިޖިންގައި ބޭއްވި ހަފްލާއެއްގައި އެ ބޭންކްގެ މެމްބަރަކަށް ވުމަށް ޓަކައި އާޓިކަލްސް އޮފް އެގްރީމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.
މިއަދު ބޭއްވި ހަފްލާގައި ރާއްޖޭގެ އިތުރުން 50 ގައުމަކުން ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކުރިން ވިދާޅުވީ އެ ބޭންކްގެ މަސައްކަތް ފަށައިގަތުމާ އެކު 50 ބިލިއަން ޑޮލަރުގެ ލޯނެއް މެމްބަރު ގައުމުތަކަށް ލިބޭނެ ކަމަށާއި ރާއްޖެ އަށް ވެސް ތަފާތު ދާއިރާތަކުން އެހީތައް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އެންމެ އަވަހަށް ލޯން ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް މުންދު ވިދާޅުވި އެވެ.
ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭއައިއައިބީ އިން މި އަހަރުގެ ފަހުކޮޅު ދުނިޔޭގެ ގައުމުތަކަށް ލޯންތައް ދޫކުރަން ފަށާ އިރު އެއީ އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކް ފަދަ ބައިނަލްއަގްވާމީމާލީ މުއައްސަސާތަކާ ވާދަކޮށް އެމުއައްސަސާތަކުން ދުނިޔޭގެ މާލީ ދާއިރާތަކުގައި ގެންގުޅޭ މޮނޮޕޮލީ ފުނފުނޑުކޮށްލާނެ ބޭންކެއް ކަމަށް ބެލެވޭތީ އެބޭންކް އުފެއްދުމުން އެމެރިކާ ކަންބޮޑުވާކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ.
ނަމަވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ އޭއައިއައިބީ އާ މެދު އެމެރިކާގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށެވެ.