29 Jun 2015, 13:08
ދަސްވާރު ޕްރޮގްރާމުގެ ދަށުން ގއ. ދާންދޫ ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންގެ ތެރެއިން ކިޔެވުމަށް ދަށް ކުދިންނަށް ތަމްރީނު ދިނުމަށް އަރަށު ކައުންސިލާއި، ސިއްހީމަރުކަޒު އަދި ފެންކަ ކޯޕަރޭޝަނާ އެކު އެއްބަސްވެއްޖެ އެވެ.
ދާންދޫ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ތިން މާއްދާއަށްވުރެ ދަށުން ފާސްވާނެ ކަމަށް ގަބޫލުކުރެވޭ ކުދިންނަށް ތަމްރީނު ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް ދީދީ އެވެ. އަދި ދާންދޫ ސިއްހީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒުގެ ސީނިއާާ އެޑްމިނިސްޓްރޭޓަރ މުހައްމަދު އާސިފެވެ. ދާންދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިސްމާއިލް ލަތީފެވެ.
ދާންދޫ ސުކޫލްގެ ޕްރިންސިޕަލް ޝިފާޒު މުހައްމަދު 'ސަން' އަށް ވިދާޅުވީ އެ ތަމްރީނު ޕްރީން ޕްރޮގްރާމުގައި ފްރޮންޓް އޮފީސް، އިލެކްޓްރިޝަންގެ އިތުރުން ތަފާތު ގިނަ ތަމްރީނުތަކެއް ދަރިވަރުންނަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށެެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހިންގަމުންދާ ދަސްވާރު ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.