ސަރުކާރާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯހިލް(އިބޫ) ކަމަށް ސަރުކާރަށް ހުށައަޅައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުހިމަނައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފައިވީ ނަމަވެސް އެކަން ރަސްމީކޮށް ސަރުކާރާ ހިއްސާކޮށްފައި ނުވާ ކަމަށް އިއްޔެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެމްޑީޕީ އިން މިއަދު ބުނީ ސަރުކާރާ އެކު މަޝްވަރާކުރުމަށް އެޕާޓީ އިން ބައިވެރިވެ ވަޑައިގަންނަވާނީ އިބޫ ކަމަށް ސަރުކާރަށް ދައްނަވާފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތްނުވެފަ އެވެ.

ސަރުކާރާ އެކު ތިން ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

މަޝްވަރާ ކުރާ ކަންކަން:

  • ގާނޫނު ނިޒާމުގެ ތެރެއިން އެންމެން އެކުގައި މަސައްކަތް ކުރުން.
  • ދުސްތޫރީ ނިޒާމާއި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތް ކުރުން.
  • ގައުމު ތަރައްގީ ކުރުމުގައި ސިޔާސީ ހުރިހާ ފިކުރެއްގެ މީހުން އެއްބާރުލުން ދިނުން.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެމްޑީޕީން ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި މައިގަނޑު ތިން ކަރުދާހެއް ހުށަހަޅާނެ ކަމަށެވެ.

އެގޮތުން ހުށަހަޅާ އެއް ކަރުދާހަކީ މަޝްވަރާތަކުގެ ސިފަތައް ބަޔާންކުރާ ކަރުދާހެވެ. އިންޑިއާ އިން މެދުވެރިއަކު ކަނޑައެޅުމަކީ އެ ކަރުދާހުގައި ހިމެނޭ ކަމެކެވެ.

ދެވަނަ ކަރުދާހެއްގެ ގޮތުގައި އެމްޑީޕީން ސަރުކާރަށް ހުށަހަޅަނީ އިތުބާރު ހޯދުމުގެ ގޮތުން ކުރާނެ ކަންތައްތަކަކާ ބެހޭ ކަރުދާހެކެވެ. މިހާތަނަށް ބޭއްވި އެއްވުންތަކާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މީހުން ދޫކޮށްލުމާއި އެކި ގޮތްގޮތުން ބަންދުވެފައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމަކީ އެ ކަރުދާހުގައި ހިމެނޭ ކަންތައްތަކެވެ.

ރާއްޖޭގައި މިހާރު އޮތް ވެރިކަން ކުރުމުގެ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަކީ ވެސް ސަރުކާރަށް އެމްޑީޕީން ހުށަހަޅާނެ ކަމެއް ކަމަށް އިންތި ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ނުހިމަނާ އެމްޑީޕީން ސަރުކާރާ އެކު މަޝްވަރާ ކުރުމަށްނިންމާފައި ވަނީ ސަރުކާރާ އެކު ޕާޓީތަކުން ކުރާ މަޝްވަރާތަކުގައި އެމްޑީޕީއަށް ލިބިފައިވާ ފުރުސަތަކަށް އޮތް ހުރަހަކަށް ވެވަޑައިގަތުމަށް ބޭނުންފުޅު ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވުމުން ނެވެ.