ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ތިއްބައި، ގްރޫޕަކުން ގޮސް އާޓިފިޝަލް ބީޗު ސަރަހައްދުގައި ތިބި ތިން ޒުވާނަކަށް ތޫނު އެއްޗެހިން ހަމަލާދީ، ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.

މަންޒަރުދުށް މީހުން ބުނީ އާޓިފިޝަލް ބީޗުން ކުޑަ ހެންވޭރު ސަރަހައްދުގައި މިއަދު އިރުއޮއްސި 6:00 ޖަހާއެހާކަންހާއިރު ހިނގި އެ މާރާމާރީގައި ތިން ޒުވާނަކަށް ބަޔަކު ހަމަލާދީފައި ވަނީ ވަޅީގެ އިތުރުން ދަގަނޑު ބުރި ފަދަ އެއްޗެހިން ކަމަށެވެ.

ފުލުހުން ބުނީ، އެއީ ގްރޫޕް މާރާމާރީއެއް ކަމަށާއި އެ ހާދިސާގައި ތިން މީހަކަށް ތޫނު އެއްޗެހިން ހަމަލަދީފައިވާ ކަމަށެވެ. އަދި އެމީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެކެއްގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފާޅުކަން ބޮޑު ގޮތެއްގައި މިއަދު ދިން އެ ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ބަޔެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ ހަމަލާދިން ސަރަހައްދުގައި ފުލުހުން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވި އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަމާލާ ދިން މީހުން ވަނީ، ހަމަލާ ދިނުމަށް ފަހު ބޮޑުތަކުރުފާން މަގުން އާޓިފިޝަލް ބީޗުން ދިޔަ މީހަކަށް ވަޅިން ބިރުދެއްކުމަށް ފަހު އެމީހާގެ ސައިކަލް ފޭރިގަނެގެން ފިލައިފަ އެވެ. ނަމަވެސް ފުލުހުން އެކަން އަދި ކަށަވަރެެއް ނުކޮށްދެ އެވެ.

ކުޑަ ހެންވޭރު ސަރަހައްދުން ބޮޑުތަކުރުފާން މަގުގައި އެ މީހާ އަށް ވަޅިންނާއި ފަކީރާ އާއި މަށަންދަތި ފަދަ ތަކެތިން ހަމަލާ ދިނުމުން އޭނާގެ ގައިން އޮހުރުނު ލޭތައް ވެސް މަގުގައި ގިނަ އަދަދަކަށް އެބަހުއްޓެވެ. އަދި އޭނާ އަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބުނާ އާލާތްތައް ވެސް މަގުމަތީގައި ހުރި ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ.

އިރުއޮއްސިގެން އައި ވަގުތު އެ ހާދިސާ ހިނގި އިރު ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި ބޮޑެތި މީހުން އެ ސަރަހައްދުގައި ތިއްބެވެ. އަދި މުޅި މާހައުލު ބިރުވެރިތަނަކަށް ބަދަލުވުމުން އެ ސަރަހައްދުގައި ތިބި ކުދިންނާއި މައިންބަފައިން ބިރުގަނެ، ހާސްކަމުގެ އިހުސާސް ފެންނަން ހުއްޓެވެ. އަދި އަންހެނަކު ހޭނެތިގެން އެ ސަރަހައްދަށް ވެއްޓިފައި އޮތްތަން ވެސް ފެނުނެވެ.