އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މައާފުކޮށްދިނުމުގެ މާނައަކީ ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ފުރުސަތު ރަައްޔިތުންނަށް ހުޅުވާލުމެއް ނޫން ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މޫސަ ވިދާޅުވީ ގަވާއިދާ ހިލާފަށް މަގުތައް މަތީގައި ޕާކު ކޮށްފައި ހުރި ވެހިކަލުތަކުން ދައުލަތައް ދައްކަންޖެހޭ ޖޫރިމަނާ މައާފުކޮށްދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ފެންނަމުން ދަނީ އެ މީހަކު ހިތައް އެރި ތަނެއްގައި ޕާކު ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަގުނަ އުނދަގޫތަކެއް އުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު މިތަނަށް [މަޖިލީހަށް] ހުށަހަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވުމާ ގުޅިގެން ފުލުހުން ސުޓިކާ ޖެހުން ހުއްޓާލައިފި. މިއަދު އަޅުގަނޑުމެންނަށް ނެތް ގެއަކުން ބަލި މީހަކު ނެރެވޭނެ ފަދަ ވެސް. މަގުތަކުގެ ދެ ފަރާތުގެ ޕާކު ކުރުން މުޅިން އާންމުވެގެން އެ ދަނީ. ހަގީގަތަކީ ކިތަންމެ މިނިވަން ކަމާއެކީ ކަންތައްތައް ކޮށްދިން ކަމުގައި ވިއަސް އެކަމެއްގައި އެ ވާހަކަ ނުދައްކާ އެ ވާހަކަ ދައްކާ މީހާ ގޯސްވާ ގޮތަށް ކަންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ސަރުކާރުން ވެސް ކަންތައްތައް ކުރަން ޖެހޭނީ ރައްޔިތުން އެކަމަށް އަހުލުވެރިވެ ރައްޔިތުންގެ އެންމެނަށް ފަސޭހަވާ ގޮތަށް،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މާލޭގެ ޓުރެފިކް "ހަލާކު" ވުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި މިއަދުގެ ސަރުކާރަކުން ނުވަތަ އޭގެ ކުރީގެ ސަރުކާރަކުންނެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ޓުރެފިކު "ހަލާކު"ވުމުގެ ޒިންމާ ޖުމުލަކޮށް ހުރިހާ ސަރުކާރަކުން ވެސް ނަގަންޖެހޭ ކަމަށެވެ.

"ހާއްސަކޮށް މާލެ ސިޓީ ކައުންސިލު މިކަމުގައި އަޅުގަނޑު ކުށްވެރި ކުރަން. އަތު ޖެހުނިއްޔާ ޖެހުނުތާކު ރޮނގު ދަމާފައި އެއްޗެހިންތައް ޕާކު ކުރަމުން ގެންދިއުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ކައުންސިލުގައި މިއުޅޭ މެމްބަރަކަށް ލާރިކޮޅެއް ދިނީމަ އެމީހުންނަށް ހެޔޮ ކޮންމެ ތަނެއްގައި ޕާކު ކުރަން ޖެހުނަސް. ހިނގަ ހިނގާ ހުންނަ މީހެއްގެ ދެފައި ދެގޯޅީގައި ވެސް ޕާކު ކުރުމުގެ ހުއްދަ ދެމުން ގެންދިޔައީ. އެ އުސޫލުން އައިސް މުޅި މާލެ ހަމައިން ނައްޓާފައި މިއޮތީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ގަރާޖެއް އޮތް މީހަކަށް ނޫނީ ކާރެއް ނުވަތަ ސައިކަލެއް ރަޖިސްޓުރީ ކޮށްދެވިގެން ނުވާނެ ކަމަށް ބުނެ ގަވާއިދެއް ހަދާފައި އޮންނާނެ ކަމަށެވެ. ނަމަވެސް އެއް ގަރާޖެއްގެ ނަން މަތީ އެތައް ކާރެއް ސައިކަލެއް ރަޖިސްޓުރީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ ޓްރާންސްޕޯޓު އޮތޯރިޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި މީހުންނަށް އެކަން ނުފެންނަނީތޯ ސުވާލު އުފައްދާފައި އެވެ.

"އެކަމަކު މިއަދު ސަރުކާރުން ކުރި އިއުލާނަކާ ގުޅިގެން ސުޓިކާ ޖެހުން ހުއްޓާލީމާ ސަބީލިއްލާހިއަށް ވެގެން މި ދިޔައީ ހުރިހާ ކަމެއް. މިސްކިތަކަށް ވަދެވޭކަށް ނެތް. މިސްކިތަކުން ނުކުމެވޭކަށް ނެތް." މޫސަ ވިދާޅުވި އެވެ.

އެއްގަމު އުޅަނދު ފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކުރުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި އެގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ މިގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މައާފްވީ ކަމަށެވެ.