29 Jun 2015, 12:33
މީހުން މެރުމުގެ ކުށް ސާބިތުވެ، ނިއު ޔޯކު ޖަލަކަށް ލާފައިވަނިކޮށް، ޖަލު ފަޅާލައިގެން ފިލި ދެ ކުށްވެރިންގެ ތެރޭގައި ހިމެނޭ ދެ ވަނަ މީހާގެ ގަޔަށް ވެސް ބަޑިޖަހައި އިއްޔެ އަތުލައިގެންފި އެވެ.
ގާތިލު ޑޭވިޑް ސްވެޓް، 35،ގެ ގަޔަށް ބަޑިޖަހައި އޭނާ އަތުލައިގަތީ ކެނެޑާގެ ސަރަހައްދީ ރޮނގާ ދެ މޭލު ކައިރީން ކަމަށް ވޮއިސް އޮފް އެމެރިކާ އިން ބުންޏެވެ.
ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުނީ، ސްވެޓްގެ ހާލު ސީރިއަަސް ކަމަށާއި އޭނާ އޮތީ އެޑްމިޓްކޮށްފައި ކަމަށެވެ.
ހުކުރު ދުވަހު ކެނެޑާ ބޯޑަރާ 10 މޭލު ކައިރިން ފުލުހުން ބަޑިހަހައި މަރާލި، ސްވެޓްގެ އިންމޭޓް، ރިޗާޑްމެޓް، 49، އާ އެކު ހައި ސިކިއުރިޓީ ޖަލު ފަޅާލައިގެން ސްވެޓް ޖަލުން ފިލީ މީގެ ތިން ހަފްތާ ކުރިންނެވެ.
ތިން ހަފްތާ ވަންދެން 1،300 އޮފިސަރުން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަން ނިންމުމަށް ފަހު، ނިއުޔޯކް ސިޓީގެ ގަވަރުނަރު އެންޑްރޫ ސުމޯ ނޫސްވެރިންކައިރީ ވިދާޅުވީ "ނައިޓް މެއާ" ނިމުނީ ކަމަށެވެ.
ޝެރިފްގެ ޑެޕިއުޓީ 2002 ވަނަ އަހަރު މަރާލުމުގެ ކުށް ސާބިތުވެ، ޕެރޯލަކާ ނުލައި ސްވެޓް ދިޔައީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މެޓް އޭނާގެ ކުރީގެ ވެރިމީހާ މަރާލި މައްސަލާގައި ދިޔައީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އެ ދެ މީހުން ޖަލުން ފިލީ އެ މީހުންނަށް ލިބުނު ފްރޯޒަންކޮށްފައިވާ ހެމްބާގާ މަސްތަކެއްގެ ތެރޭގައި ފޯރޮކޮށްދިން ޓޫލްތަކެއް ބޭނުންކޮށްގެން ޖަލު ފަޅާލައިގެންނެވެ.
އެ މީހުންނަށް އެހީތެރިވެދިން ޖަލުގެ މުވައްޒަފުން ވަނީ ހައްޔަރުކޮށްފަ އެވެ.