29 Jun 2015, 12:24
ފްލޮރިޑާ (ޖޫން 29) : ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން އަށް ބޭނުންވާ ތަކެތި ފޮނުވުމަށް އެމެރިކާއިން އިއްޔެ ފޮނުވާލި ފަލްކަން ރޮކެޓް ފްލޮރިޑާގެ ކޭޕް ކެނެވެރަލް ސްޓޭޝަނުން ނައްޓާލިތަނާ ގޮވައިފިއެވެ.
އެމެރިކާގެ ސްޕޭސް އެކްސް ކުންފުނިން ބުނީ އެ ކުންފުނިން އުފައްދާފައިވާ ފަލްކަން-9 ގެ ރޮކެޓް ކޭޕް ކެނެވެރަލްއިން ނައްޓާލިތަނާގޮވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި މިކަން ބަލައި ތަހްގީގްކުރާނެ ކަމުގަ އެވެ. މިކަން ތަހުގީގް ކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އާވެސް ގުޅިގެންކަމަށްވެ އެވެ.
ފަލްކަން-9 މަރުކާގެ ރޮކެޓަކީ އިންސާނަކާނުލައި ފޮނުވި ރޮކެޓެއް ނަމަވެސް ބައިނަލް އަގްވާމީ ޖައްވީ ސްޓޭޝަންގައި މިހާރު ތިބި އެސްޓްރޮނޯޓުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ މީހުންގެ މަސައްކަތަށް ބޭނުންވާ އަގު ބޮޑު ސާމާނުތައް މި ރޮކެޓާއެކުގައިވެ އެވެ. މި ރޮކެޓް ގޮވުމުގެ ސަބަބުން މިތަކެތި ގެއްލިގެންދިޔަ ނަމަވެސް ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަންގައި މިހާރު ތިބި ފަޅުވެރިން ކެއިން ބުއިމަށް ބޭނުން ކުރާނެ ތަކެތީގެ ސްޓޮކް ކުރިޔަށް އޮތް ތިން މަހަށް ބޭނުން ކުރާ ވަރަށް އެ ސްޓޭޝަންގެ ގުދަންތަކުގައި ހުންނާނެ ކަމަށް މި ސްޓޭޝަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމެރިކާ އާއި ރަޝިޔާއިން ބުނެ އެވެ.
އެމެރިކާގެ ޖައްވީ އުޅަނދުތައް ހަލާކުވުމުން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން އަށް ބޭނުންވާ ތަކެތި ފޮނުވުމަށް މިފަހަކަށް އައިސް ބޭނުންކުރަމުން ގެންދަނީ ހަމައެކަނި ރަޝިޔާގެ ސޮޔޯޒް އުޅަނދެވެ. އެމެރިކާގައި ޖައްވީ އުޅަނދެއް މިހާރު ނެތުމުން ފްލޮރިޑާގެ ކޭޕް ކެނެވެރަލްގެ ޖައްވީ ސްޓޭޝަނުން އިއްޔެ ފޮނުވާލި އެމެރިކާގެ ފަލްކަން-9 ގެ ރޮކެޓަކީ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން އަށް ތަކެތި ފޮނުވުމަށް އެމެރިކާ ކުރި ދެވަނަ ތަޖްރިބާއެވެ.
މިދިޔަ އޮކްޓޯބަރު މަހުވެސް އެމެރިކާއިންވަނީ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން އަށް ބޭނުންވާ ސަޕްލައި ހިފައިގެން އެސްޓޭޝަނަށް ރޮކެޓެއް ފޮނުވުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެރޮކެޓްވެސްވަނީ އުދުއްސާލިތާ ކުޑައިރުކޮޅެއްގެތެރޭގައި ގޮވާފައެވެ. އެހެންކަމުން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން އަށް ތަކެތި ފޮނުވުމުގައި އެމެރިކާ މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. (ރޮއިޓާސް)