04 Mar 2011, 14:46
ކާބުލް : އަފްޣާނިސްތާނުގައި ހަނގުރާމަ ކުރަމުންގެންދާ އެމެރިކާ ސިފައިން އަފްޣާން އާންމުން ދިރިއުޅޭ ވިލެޖެކަށް ހަމަލާދީ އަފްޣާން ކުޑަކުދިންގެ 9 ކުޑަކުއްޖަކު މަރާލައިފި އެވެ. އެމެރިކާ ސިފައިން މިޖަރީމާ ހިންގާފައިވަނީ އަފްޣާނިސްތާނުގެ ކޫނާރު ސްޓޭޓްގެ ވިލެޖެއްގަ އެވެ.
އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއިވަނީ މިޖަރީމާ ކުށްވެރިކުރައްވައި އެމެރިކާއަށް ނުރުހުން ފާޅުކުރައްވާފައެވެ. އަދި ކުނާރު ސްޓޭޓްގެ ޢާންމުންވަނީ އެމެރިކާ ސިފައިން ތަކުރާރުކޮށް ހިންގަމުން ގެންދާ މިބާވަތުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައެވެ.
މިއިޙްތިޖާޖްތަކާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އަފްޣާން ރައީސް ހާމިދު ކަރުޒާއިއާ ފޯނުން ގުޅުއްވައި މިކަމާމެދު ދެރަވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް މިޖަރީމާގެ ޒިންމާ އުފުލަންޖެހޭ އެމެރިކާ ސިފައިންގެ މައްސަލަބަލައި އެމީހުންނަށް އަދަބު ދެއްވާނެ ކަމަށް އޮބާމާ ވިދާޅުވެފައެއް ނުވެއެވެ.
މިއީ އަފްޣާން ޢާންމުންގެ ގެދޮރަށާއި ޖިފުޓިތަކަށް ހަމަލާދީ އެމެރިކާއިން އަފްޣާން އާންމުން މެރި ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ކުރަމުންގެންދާ ދިގުލީ ހަނގުރާމައިގާ އެމެރިކާ ސިފައިން އަފްޣާން އާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ހަމަލާދީ ޢާންމުންގެ ކޮންމެވެސް ބަޔަކު މަރާނުލާ ހަފްތާއެއްވެސް ނުދާކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ސީދާ ހަމަލާތަކުގައި އަފްޣާން ޢާންމުންގެ ބައިލައްކައެއްހާ މީހުން މަރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށް މި ރިޕޯޓްތައް ބުނެއެވެ. އަދި ނުސީދާ ޙަމަލާތަކުގައި މީގެ ދެގުނަ ޢާންމުން މަރުވެފައިވާނެ ކަމަށްވެސް މިރިޕޯޓްތަކުގައި ލަފާކޮށްފައިވެއެވެ.
އަފްޣާން ޢާންމުންގެ ކައިވެނީގެ ހަފްލާތަކަށާއި ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ބޮންއެޅުމަކީވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ކުރަމުން ގެންދާ ކަންކަމެވެ.
ނަމަވެސް މިފަދަ ކަންކަން ތަހްޤީޤްކޮށް މިކަމުގައި އިހްމާލްވާ އެމެރިކާ ސިފައިންނަށް އަދަބު ދެވިފައިނުވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)