14 Apr 2010, 14:35
14:30
ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރަކަށް ހުންނެވި އަންހެން ބޭފުޅެއް، އެތަނުގެ ވަޒީފާ އިން ވަކިކުރި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރެއް ނެރެފި އެވެ.
ހައިކޯޓުން މިއަދު ނެރެފައިވާ އެއަމުރުގައި ބުނެފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރު، މެނޭޖްމަންޓް އެންޑް ފިނޭންސްގެ މަގާމުގައި ހުންނެވި އާގިސާ މޫސާ، ވަޒީފާ އިން ވަކިކޮށްފައިވާ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ މެދު ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން އެ މައްސަލާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ކަމަށާއި އެ މައްސަލަ ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ހައިކޯޓުގެ އެ އަމުރުގައި ބުނެފައިވެ އެވެ.
އާގިސާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ އަށް ފަސްދޮޅަސް ހާހަރަށްވުރެ ގިނަ ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ހިއުމަން ރައިޓްސް ކޮމިޝަނަށް މިދިޔަ އާދީއްތަ ދުވަހު ވަނީ އަންގައިފަ އެވެ.