ސްޓޮކްހޯމް (ޖޫން 29): ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޣައިރު ގާނޫނީ ޙިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލައި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން އެ ސަރަހައްދަށް މިސްރާބުޖަހާފައިވާ މިނިވަން ފްލީޓް 3 ގައި ހިމެނޭ ސްވިޑްން ގެ އާގުބޯޓު އިސްރާއީލުގެ ސިފައިން ބާރުގެ ދަށަށް ގެނަސްފި އެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޣައިރު ގާނޫނީ ޙިސާރު ފޫއަޅުވާލުމަށް މަސައްކަތްކުރާ ޔޫރަޕްގެ ކޭންޕޭނުން ބުނީ ސްވިޑްން ގެ އާގުބޯޓު "މާރިޔާން" އިސްރާއީލުގެ ކަނޑުގެ ސިފައިންގެ ކޮންޓްރޯލްގެ ދަށަށްގެން ދިޔައީ ޣައްޒާގެ ކަނޑުގެ ސަރަހައްދަށް ވެސް އަދި އިސްރާއީލުގެ ކަނޑުގެ ސަރަހައްދަށް ވެސް ވަނުމުގެ ކުރިން ބައިނަލްއަގްވާމީ ސަރަހައްދުގައި އެ ބޯޓު ދަތުރުކުރަމުން ގެންދަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގްރީސް އިން ފުރައިގެން ޣައްޒާއާ ދިމާއަށް ދަތުރުކުރާ ސްވިޑްންގެ އާގުބޯޓު "މާރިޔާން" ގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް އަޑުއުފުއްލަވާ ގިނަ އަދަދެއްގެ މަޝްހޫރު އަދި މުޙްތަރަމް ބޭފުޅުން ދަތުރުކުރައްވަ އެވެ. މީގެތެރޭގައި ތޫނިސްގެ ކުރީގެ ރައީސް ޑރ. މުންސިފް އަލްމަރްޒޫގީ ހިމެނިވަޑައިގަންނަވައެވެ. އަދި ސްވިޑްންއާއި ޔޫރަޕްގެ އެހެން ގައުމުތަކުގެ ޕާލަމެންޓްގެ ކުރީގެ މެންބަރުންގެ އިތުރުން އިސްރާއީލުގެ ޕާލަމެންޓްގެ މިހާރުގެ މެންބަރުންވެސް މިބޯޓުން ދަތުރު ކުރައްވައެވެ.

ޣައްޒާގެ ޙިސާރު ފޫއަޅުވާލުމަށް މަސައްކަތްކުރާ ޔޫރަޕްގެ ކޭންޕޭންގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން "މާރިޔާން" ބޯޓު ގެންދިޔުމަށް މަސައްކަތްކުރަނީ އިސްރާއީލުގެ އުސްދޫދު ބަނދަރަށެވެ.

އިސްރާއީލަކީ ސިފައިންނަކީ މީގެކުރިން މިފަދަ ސުލްޙަވެރި ބޯޓުތަކަށް ހަމަލާދީ އޭގެ ފަޅުވެރިންނާއި ދަރުމަވެރިންނަށް ހަތިޔާރުން ޙަމަލާދީ ގަތްލު އާންމު ހިންގާފައިވާ ހައްދު ފަހަނަޅާފައިވާ އިސްތިއްމާރީ ބާރެކެވެ. މީގެ ފަސްއަހަރުކުރިން ޣައްޒާގެ ޙިސާރު ފޫއަޅުވާލުމަށް ސުލްޙަވެރިކަމާއެކު މަސައްކަތް ކުރި ތުރުކީގެ އާގުބޯޓެއް ކަމަށްވާ މަރްމަރާއަށް އިސްރާއީލު ސިފައިން ޙަމަލާދީ ތުރުކީގެ 10 މީހުން ޝަހީދުކޮށްލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ. އިސްރާއީލުގެ މިހަރުކަށި ޖަރީމާއާ ގުޅިގެން ތުރުކީވަނީ އިސްރާއީލާ ގުޅުންތައް ކަނޑާލާފައެވެ.

މިނިވަން ފްލީޓް 3 ގައި ސްވިޑްން ގެ އާގުބޯޓު "މާރިޔާން" ގެ އިތުރުންވެސް ކުދި އެތަށް ބޯޓެއް ހިމެނެއެވެ. (އަލްޖަޒީރާ)